މާލޭ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) އަކަށް އަބްދުލް މުހައިމިން ނަސީރު ހަމަޖައްސައިފިއެވެ.

މުހައިމިން ކުރިން ހުންނެވީ އެތަނުގެ ޑިރެކްޓާ ޖެނެރަލް (ޑީޖީ)ގެ މަގާމުގައެވެ.

މާލޭ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް މުހައިމިން އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައެވެ. މުހައިމިން އެ މަގާމަށް އައްޔަން ކުރުމަށް ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާފައިވަނީ ހަތަރު ބޭފުޅުންނެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވަނީ މުހައިމިން އަށެވެ. އޭނާ ލިބިވަޑައިގަތީ 85.03 މާކުސްއެވެ.

އެސްޖީ މަގާމަކީ، ކައުންސިލް އިދާރާގެ، އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ އެސްޖީއެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައިގެ ގޮތުގައި 20،500 ރުފިޔާ ލިބޭނެއެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އާއެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެއެވެ.