އަލަށް ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ނުވަތަ ހަދަން ފަށާފައި ހުރި ގެ ނިންމުމަށް، ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ލިބޭ ސްކީމް، "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް"ގެ ދަށުން ލޯނު ދޫކުރުމަށް ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފެވެ.

އެ އެއްބަސްވުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ބޯހިޔާވަހިކަން 5 ޕަސަންޓު ޕްރޮފިޓް ރޭޓުގައި ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން ލޯނު ހަމަޖެއްސުމަށްޓަކައި މިނިސްޓްރީ އާއި ބީއެމްއެލްއާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 24 ގައި ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިިކޮށްފައެވެ.

އެ ސްކީމްތަކަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރުމަށް ދަތިވާ ފަރާތްތަކަށް މާލީގޮތުން ހައްލު ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، ގެދޮރު އިމާރާތްކުރުމަށް، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެކެވެ.

މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ ސަބަބުން ހިޔާވަހިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް، ލުއި ގޮތްތަކެއް މަގުފަހިވެ، މާލެ ސަރަހައްދާއި ރާއްޖޭގެ ރަށްތަކުގައި ފަޅު ގޯތި އަދި ގެ އަޅަން ފަށައި، ނުނިމި ހުރި ގޯތިތަކުގެ މައްސަލައަށް ހައްލެއް ލިބި ގެދޮރު ނޭޅިފައިވާ އާއިލާތަކަށް ގެދޮރުގެ ތަނަވަސްކަންވެސް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 5 ގައި އިފްތިތާހުކުރި އެ ސްކީމު އުސޫލުތައް ގެޒެޓްކޮށް ނޮވެމްބަރު 8 ގައި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލިއެވެ. މިދިޔަ މަހުގެ 30 ގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، އެ ސްކީމަށް ޖުމުލަ 2256 ފޯމު ވަނީ ހުށަހަޅައިފައެވެ. އެއީ ރަށްވެހި 1326 ފޯމު، ސަހަރް 586 ފޯމް އަދި ފަހިމާލެ 341 ފޯމެވެ.

މިނިސްޓްރީން ބުނީ މިވަގުތު ފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިވެލުވޭޝަން ނިމުމުހާ އަވަހަކަށް ފައިނޭންޝަލް އިންސްޓިޓުތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ފޯމުތައް އެ ފަރާތްތަކަށް ފޮނުވިގެންދާނެ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ލޯނު ދޫކުރެވިގެންދާނެ ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ތިން ސްކީމަށްވެސް މިނިސްޓްރީއާއެކު ސޮއިކުރާ ބޭންކުތަކުން ލޯނު ދޫކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްތަކުގެ ތަފުސީލު:

ފަހިމާލެ ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ ހަ މިލިއަން ރުފިޔާ. ނަމަވެސް، ކުދި ބިންކޮޅުތައް އެއްކޮށްގެން ބިން ތަރައްގީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، މިގޮތަށް ހުށަހަޅާ ފަރާތްތަކަށް ގިނަވެގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދެވޭނެ. ކުދި ބިންކޮޅުތައް އެއްކުރާނަމަ އެއްކުރެވޭނީ، 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅުތައް.
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަޑް ނުހިމަނައި.
  • ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 ޕަސަންޓާއި އާއި 10 ޕަސަންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ.
  • ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.
  • އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.

ސަހަރު ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ ތިން މިލިއަން ރުފިޔާ
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަށް ނުހިމަނައި.
  • ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 ޕަސަންޓާއި 10 ޕަސަންޓާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެ.
  • ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެ.
  • އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ގިނަވެގެން ދޫކުރެވޭނީ 15 ޕަސަންޓް.
  • ބަކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެ.

ރަށްވެހި ސްކީމް

  • ގިނަވެގެން ދޫކުރެވޭނީ އެއް މިލިއަން ރުފިޔާ
  • ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު. މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުން.
  • ގްރޭސް ޕީރިއަޑުގެ ގޮތުގައި 18 މަސްދުވަސް ގިނަވެގެން ދެވޭނެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ ގްރޭސް ޕީރިއަށް ނުހިމަނައި.
  • އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަން ނުޖެހޭ.