އިޒްރޭލާއި އީރާނުގެ މެދުގައި ކުރިއަށްދިޔަ ހަނގުރާމައަށް ބާރަ ދުވަސް ފަހުން ރޭގެ ވަގުތެއްގައި ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ހީވެސް ނުކުރެވޭ ސިފައެއްގައެވެ. އީރާނުން ވަނީ ރޭގެ ވަގުތެއްގައި ގަތަރުގެ ވެރިރަށް ދޯހާގެ ކައިރީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލުން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މިއީ އެމެރިކާ އިން އީރާނުގެ ނިއުކުލިއަރ ތިން ރިއެކްޓަރަކަަށް ހޮނިހިރު ދުވަހު ދިން ހަމަލައިގެ ރައްދެކެވެ. ބަދަލު ހިފުމެކެވެ. މި މަރުކަޒަކީ މެދުއިރުމަތީގައިވާ އެމެރިކާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ. ގާތްގަނޑަކަށް ދިހަހާސް ސިފައިން ތިބެއެވެ. ހަމަލަ އަމާޒުވުމާއެކު އެންމެންވެސް ދެން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެމެރިކާ އިން އަމަލުކުރާނޭ ގޮތެއްގެ ބިރުވެރިކަމުގައެވެ. ގަތަރާއި ސައޫދީ އަރަބިޔާ އާއި އެމިރޭޓްސް އާއި ކުވޭތުން ހަނގުރާމައިގެ ތެރެއަށް ވަންނާނެޔޭ ހީވާވަރުންނެވެ. ކޮންމެއަކަސް ރައީސް ޓްރަމްޕަކީ ޓްރަމްޕެވެ. އޭނާގެ ނިންމެވުން ތަފާތުވެއްޖެއެވެ. މިވަގުތަކަށެވެ.
ޓްރަމްޕު ވިދާޅުވީ ކީކޭ؟
ޓްރަމްޕުގެ ކަންކަމަކީ އެއްވެސް ބަޔަކަަށް ދުރާލައި ލަފާކުރަން އެނގޭ ކަންކަމެއް ނޫނެވެ. މުޅި އެމެރިކާ އަކީ މިހާރު ޓްރަމްޕެވެ. އެއީ ވަން މޭން ޝޯއެކެވެ. ކޮންމެއަކަސް އެންމެންވެސް ނޭވާ ހިފަހައްޓާލައިގެން ތިއްބާ ޓްރަމްޕު އިއުލާން ކުރައްވައިފިއެވެ. ކަލޭނޭ ކަލޭނޭއެވެ. އުފާވެރި ޚަބަރެއް ދެން ހެއްޔެވެ. އިޒްރޭލާއި އީރާނުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެއެވެ. އެހެންވީމާ ބާރަ ދުވަހަށްފަހު ހަނގުރާމައިގެ ބާރުވެސް ކެނޑުނީއެވެ. މަސްރަހު އަމާންވީއެވެ. އީރާނާއި އިޒްރޭލުގެ ވެރިން މިކަމަށް އެއްބަސްވެއްޖެއެވެ. ދެ ގައުމުގެ ލީޑަރުންގެ ތޫނުފިލި ވިސްނުމާއި ހިކުމަތްތެރިކަމަށް އަހަރެން ތާރީފު ކުރަމެވެ. ޝުކުރުވެރިވެސް ވަމެވެ. ޓްރަމްޕު މިކަން އިއުލާން ކުރެއްވުމާއެކު ޖަރުމަންވިލާތާއި އަނެއް ވިލާތަކާއި މިހެންގޮސް ހުރިހާ ދިމާލަކުން އަތްތިލަބަޑި ތަޅައިގެންފައި ޓްރަމްޕަށް ޝުކުރު އަދާކޮށްފިއެވެ. އިޒްރޭލާއި އީރާނުންވެސް ހަނގުރާމަ ހުއްޓައިލަން އެއްބަސްވެއްޖެކަން ޔަގީންކޮށްދީފިއެވެ.
އިޒްރޭލުގެ މަގުސަދު ހާސިލުވިތަ؟
ހަމަލަތައް ހުއްޓާލަން އިޒްރޭލުން އެއްބަސްވީ މަގުސަދު ހާސިލުވުމުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ. މަގުސަދު ފުރިހަމައެއް ނުވެއެވެ. މަގުސަދަކީ އީރާނުގެ ނިއުކުލިއަރ ގާބިލުކަމާއި މިސައިލް ގާބިލުކަން ނައްތާލުމެވެ. އެކަމެއް ނުވެއެވެ. ވާން ކައިރިއެއްވެސް ނުވެއެވެ. އިޒްރޭލުގެ އެހެން ބޭނުމެއްވެސް އޮތެވެ. އެއީ އީރާނުގެ ވެރިކަން ބަދަލުކުރުމެވެ. ޔަގީނުންވެސް އެކަމެއް ނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެންގެވީމާ ނަތަންޔާހޫއަށް މަޖުބޫރުވީއެވެ. ހަނގުރާމަ ހުއްޓައިލަން އެއްބަސްވުމަށެވެ. އީރާނުގެ މިސައިލް ހަމަލަތަކުން އިޒްރޭލުގެ ޓެލަވީވާއި ހައިފާޔާއި މިހެންގޮސް އެތައް ސަހަރެއް ސުންނާފަތި ވެއްޖެއެވެ. އެހެންވީމާ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށް ނަތަންޔާހޫއަށް މަޖުބޫރުވީއެވެ. އެހެންގޮތެއް ނެތީއެވެ. ދެން އޮތީ ހަނގުރާމަ ހުއްޓައިލަން ޓްރަމްޕް އެއްބަސްވި ސަބަބެވެ. އެކަމަށް ބާރުއެޅުމުގެ ސަބަބެވެ.
ފަރުދާގެ ފުރަގަސް ފެނުނީ ކޮންގޮތަކަށް؟
އީރާނު ބަލި ނުކުރެވުނު ކަމާއި ބަލި ނުކުރެވޭނޭކަން ޓްރަމްޕުވެސް ގަބޫލުކުރީއެވެ. ހަނގުރާމަ ދަމަހައްޓައިފިނަމަ އޭގެ ގެއްލުންތައް އެމެރިކާއަށް އިންތިހާއަށް ބޮޑުވާނެކަން ޔަގީންވީއެވެ. ޗައިނާ އާއި ރަޝިޔާވެސް ދެން ގިނަ ދުވަހު ދުރުގައި ނުތިބޭނެކަން ކަށަވަރުވީއެވެ. މީޑިއާއަށް ތިލަނުވެ ފަރުދާގެ ފުރަގަހުގައި ލައްކަ ގިނަ ކަންކަން ހިނގައިފިއެވެ. އެކަން ޔަގީނެވެ. ފަރުދާގެ ފުރަގަހުގައި ޗައިނާއާއި ރަޝިޔާ އިން ލައްކަ ގިނަ ކަންކަން ކޮށްފިއެވެ. ސައޫދީ އަރަބިޔާއާއި އެމިރޭޓްސް އިސްވެ ތިބެގެން ގަލްފުގެ ގައުމުތަކުންވެސް ލައްކަ ގިނަ ކަންކަން ކޮށްފިއެވެ. ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނުވެސް ވަރަށް ބޮޑު ދައުރެެއް އަދާކުރައްވައިފިއެވެ. މި ކަންކަން މި ވަގުތު ތިލަވެގެން މީޑިއާއަށް އައުމަކީ ކައިރި ކަމެއް ނޫނެވެ. އެކަމަކު ކުރިއަަށް އޮތް ތަނުގައި ކަމަކަށްފަހު ކަމެއް އަންނާނީ ތިލަވަމުން ހާމަވަމުންނެވެ. ކޮންމެއަކަސް ބާރަ ދުވަހުގެ ހަނގުރާމައިގެ ކަންކަން ކުރިއަށްދިޔަ ގޮތަށް ވިސްނާއިރު ސުންގަޑީގައި ހަމަ ކުއްލިއަކަށް ހަމަލަތައް މެދުކަނޑާލައި ހިމޭންވެގަތުމަކީ ފަސޭހަކަމެއް ނޫނެވެ.
އީރާނުން އިޒްރޭލަށް އިތުބާރު ކުރާނެތަ؟
އެގޮތުން ސުންގަޑީގެ ފަހުންވެސް ހަމަލަތަކެއް ބަދަލުކޮށްފިއެވެ. އިންޒާރުތަކެއް ބަދަލުކޮށްފިއެވެ. އެކަންވެސް މަޑުމަޑުން ހަމަޔަކަށް އެޅެމުންގޮސް އިސާހިތަކު މައިދާން ހިމޭންވެދާނެ ކަމަށް ފެނެއެވެ. މި ވަގުތަކަށެވެ. ދާއިމީ ސުލްހައެއް ނުހޯދޭނެއެވެ. ސަބަބުތައް ބައިވަރެވެ. ހަމަލާތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވީ އެއްވެސް ބަޔަކު ބަލިވެގެނަކުން ނޫނެވެ. އެކަމަކު ދެ ގައުމުވެސް ޒަޚަމްވެއްޖެއެވެ. އިޒްރޭލުގެ މަގުސަދު ފުރިހަމައެއް ނުވިއެވެ. އެހެންވީމާ ދެންވެސް އުދުވާނެއް ހިންގުމުގެ ފުރުސަތު ބޮޑީ އިޒްރޭލުގެ ފަރާތުންނެވެ. މަޖުބޫރީ ހާލަތެއްގައި ޓްރަމްޕުގެ ހުށަހެޅުން ނަތަންޔާހޫ ގަބޫލުކުރިއަސް، ރުހެމޭ ރުހެމޭ ބުންޏަސް އޭނާގެ ޒަޔަނިސްޓް ރެޖީމުގައި މިކަމަށް ނުރުހި ތުންފިއްތައިގެން ތިބި ހިލަތައް ވަރަށް ގިނައެވެ. އެ މީހުން ބޭނުންވަނީ އީރާނު ކުޑަކަކޫ މައްޗަށް ތިރި ކުރުމަށެވެ. ވެރިކަންވެސް ބަދަލު ކުރުމަށެވެ. އީރާނު ބައިބައިކޮށް ފޮތިފޮތިކޮށް ކުރުދީންނަށް ވަކި ދައުލަތެއް، އަޒޭރީންނަށް ވަކި ދައުލަތެއް، ބަލޫޗީންނަށް ވަކި ދައުލަތެއް އަދި އަރަބީންނަށްވެސް ވަކި ދައުލަތެއް ވުޖޫދު ކުރުމަށެވެ. އެ މީހުންނަށް ހީކުރެވުނެވެ. މިފަހަރު މި ކަންވެސް ކުރެވޭނެއެވެ.
މަސްރަހު މިހާރު އޮތީ ކިހިނެއް؟
މަސްރަހު އަދިވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށްފަހުވެސް އީރާނުން އިޒްރޭލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދިން ކަމަށް އިޒްރޭލުން އެބަ ބުނެއެވެ. އީރާނުން މިކަން ދޮގު ކުރެއެވެ. ރައްދުގައި އީރާނުގެ ވެރިރަށް ތެހެރާނަށް ބޮމުގެ ވާރޭ ވެއްސުމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ވަނީ އޭނާގެ އެއަރފޯހަަށް އަންގައި އަމުރުކޮށްފައެވެ. އިރުކޮޅަކުން ޓްރަމްޕު ވިދާޅުވިއެވެ. ހޯހޯއެވެ. މައިތިރިވާށެވެ. ތިޔަ ބޮންތައް އިހަށް ބަހައްޓާށެވެ. ކަލޭމެންގެ ޕައިލެޓުން އަވަހަށް ގެންނާށެވެ. ކޮންމެހެން މި ވަގުތު ގޯސްހަދާނޭ ކަމެއް ނެތެވެ. ޓްރަމްޕްކީ ޓްރަމްޕު ކަމުން މިއީ ހެޔޮ ނިޔަތެއްގައި ވިދާޅުވި އެއްޗެއްތޯ ނުވަތަ މި ވެސް ހީލަތްތެރިކަމުގެ އުކުޅެއްތޯ ނިންމަން ވަރަށް ދައްޗެވެ. އެހެންވިޔަސް، މިހެންވިޔަސް އޭނާ މިހެންވެސް ވިދާޅުވެއްޖެއެވެ. އެހެންވީމާ ދެން އޮތީ ވާނެ ގޮތް ބަލަން އިންތިޒާރުގައި ތިބުމެވެ. އީރާނުން ރޭގެ ވަގުތެެއްގައި ގަތަރަށް ފޮނުވައިލި ހަމަލަޔާ ގުޅިގެން ގަތަރާއި އީރާނާދެމެދުވެސް މިހާރު ނުތަނަވަސްކަމެއް ނެތެވެ. ދެ ގައުމުގެ ލީޑަރުން މިއަދު ފޯނުކުރައްވައި ދިގު މަޝްވަރާތަކެއްވެސް ކުރައްވައިފިއެވެ. ދެން އޮތީ ހަނގުރާމައަށްފަހު ދެން މެދުއިރުމަތި ބައްޓަން ވެގެންދާނެ ގޮތުގެ ސުވާލެވެ. އަޅުގަނޑުގެ ނަޒަރުގައި އީރާނުގެ ހައިސިއްޔަތު އޮތީ އުފުލިފައެވެ. ނިއުކުލިއަރ ޕްރޮގްރާމުވެސް ކުރިއަށް ގެންދާނެއެވެ. ހުޅަނގަށް އޮތީ ހަގީގަތާ އެއްގޮތަށް ދީލާލައި ހިތިބޭސް ބުއިމެވެ. އެ ނޫން އެހެންގޮތެއް އޮތްކަމަކަށް ނުފެނެއެވެ. ނުވިސްނެއެވެ.
އިމާދު ލަތީފު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް