އިޒްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އީރާންގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ރުހުންދީ، ހަމަލާތައް ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އީރާނުގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ "ޒަޔަނިސްޓު ދުޝްމަނުންނާއި އެ މީހުންގެ އަނިޔާވެރި އެކުވެރިންނަށް" ދޭ ހަމަލާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ގައުމީ ނިންމުމެއް ކަމަށެވެ.

ނިރުބަވެރި އިޒްރޭލުން ވެސް ވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލަން އެެއްބަސްވެ، އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އިޒްރޭލުން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުރިހާ ގޮތަކުންވެސް އެ ގައުމަށް ވަނީ ކާމިޔާބުވެފައެެވެ.

މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިސްވެ "އޮޕަރޭޝަން ރެއިސިން ލަޔަން" ގެ ނަމުގައި އީރާނަށް ދިން ސަޕްރައިޒް ހަމަލާގެ ރައްދުގައި އީރާނުން އިޒްރޭލުގެ ޓެލް އަވީވް އާއި ހައިފާއަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުމުގައި އީރާނުން ވަނީ އެ ގައުމުގެ އެންމެ ފަހުގެ މިސައިލްތަކުން އިޒްރޭލަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އިޒްރޭލުން ވެސް ދިޔައީ ރައްދުގައި އީރާނަށް ހަމަލާތައް ދެމުންނެވެެ.

ދެ ގައުމުން ހަމަލާ ހުއްޓާލަން އެއްބަސްވެފައި މި ވަނީ، އެމެރިކާއިން ހަނގުރާމައިގެ ތެރެޔަށް ވަދެ، އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދިނުމުން އެކަމުގެ ރައްދު ހަމަލާއެއްގެ ގޮތުން ގަތަރާއި އީރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އީރާނުން ރޭގެ ވަގުތެއްގައި ހަމަލާތައް ދިނުމާ ގުޅިގެންނެވެ.

އީރާން-އިޒްރޭލު ހަމަލާ ހުއްޓާލަން ދެ ގައުމުން އެއްބަސްވެފައިވާކަން ފުރަތަމަ އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕެވެ. ނަމަވެސް އޭގެ ފަހުން ވެސް އީރާނުން ވަނީ ފުލުފުލުގައި އިޒްރޭލަށް މިސައިލް ހަމަލާތަކެއްދީ ބަޔަކު މަރާލައިފައެެވެ.