ފުލުހުން ހިފެހެއްޓި ވޭޕް ޝިޕްމެންޓެއްގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 876،195 ރުފިޔާ ހޯދަންކުރި ދައުވާ ސިވިލް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ ގދ. ތިނަދޫ/ގަދަ އިސްމާއިލް އައްޒާން 2024 ޖުލައި ދެވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަ ދުވަހުގެ މުއްދަތަށް ބަންދު ކޮށްގެން ގެންގުޅެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަދި އޭނާ އެތެރެކުރި ވޭޕް ޝިޕްމެންޓެއް ފުލުހުން އަތުލައިގަތުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުކުރި ދައުވާއެކެވެ. އޭނާ ދައުވާކުރީ ފުލުހުންނާ ދެކޮޅަށެވެ.

ދައުވާގައިވާ ގޮތުން އައްޒާން ރާއްޖެ އެތެރެކުރި 20 ވޭޕްކާޓްރިޖް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ދައުވާގައިވާ ގޮތުން އޭގެ އަގަކީ 360 ރުފިޔާއެވެ. ޝިޕިން ކޮސްޓުގެ ގޮތުގައި 5،184 ރުފިޔާ، ފެޑެކްސް ޑިއުޓީއަށް 1،051.02 ރުފިޔާ އައްޒާންވަނީ ދައްކައިފައެވެ.

އައްޒާން ދައުވާގައި ބުނީ 20 ކާޓްރިޖް ރާއްޖެއަށް އެތެރެކުރީ ވިޔަފާރި ކުރުމުގެ ސާމްޕަލަކަށްވެފައި، އެ ވިޔަފާރި ޕްލޭން ކޮށްފައި އޮތީ 10،000 ކާޓްރިޖް އޯޑަރުކޮށް، އެއިން 300،000 ރުފިޔާގެ ފައިދާއެއް ހޯދުމަށް ކަމަށެވެ. ނަމަވެސް އެ ޝިޕްމެންޓަށް އޯޑަރު ޖެހުމުގެ މަގު ގާނޫނާ ހިލާފަށް ފުލުހުން ބަންދުކޮށް ބެހެއްޓުމުގެ ސަބަބުން ގެއްލުނު ކަމަށް އައްޒާން ދައުވާގައި ބުންޏެވެ.

އޭނާއަކީ ފިހާރައެއް ހިންގަމުންދާ މީހެއް ކަމަށާއި އެ ފިހާރައަށް ދުވާލަކު 20،000 ރުފިޔާ ވަންނަ ކަމަށް އައްޒާން ދައުވާގައި ބުންޏެވެ. އޭނާ ހަ ދުވަހަށް ބަންދު ކުރުމުގެ ސަބަބުން 100،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށެވެ.

ވޭޕްތައް ރާއްޖެ ނުގެނެވި ހަ ދުވަސް ފާއިތުވެގެން ދިޔައިރު މެލޭޝިއާއިން މުދާ އެތެރެކުރާ ޝިޕިން ރޭޓް 2،450 ޑޮލަރުން 4،500 ޑޮލަރަށް ބަދަލުވެފައިވާ ކަމަށާއި އެހެންވެ ވޭޕުތައް ނުގެނެވުމުގެ ސަބަބުން 400،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް އައްޒާން ދައުވާގައި ބުންޏެވެ. އަދި ޖިނާއީ މައްސަލައިގެ ވަކީލު ފީގެ ގޮތުގައި 33،000 ރުފިޔާ އާއި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވަކީލުގެ ފީގެ ގޮތުގައި ދައްކަން ޖެހުނު 27،000 ރުފިޔާ ފުލުހުންގެ އަތުން ނަގައިދިނުމަށް ދައުވާގައި އައްޒާން އެދުނެވެ.

މީގެ އިތުރުން އޭނާ ހައްޔަރު ކުރުމާ ގުޅިގެން އަންހެނުންނާއި އާއިލާ ކުއްލިއަކަށް މާލެ އަންނަން ޖެހުމުން ދެކޮޅު ޓިކެޓަށް 9،000 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެހެންކަމުން ސީދާ ގެއްލުމުގެ ގޮތުން 876،195 ރުފިޔާ އަދި ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ސަބަބުން 500،000 ރުފިޔާގެ ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށް އެދިފައެވެ.

އަދިވަނީ ގާނޫނަށް ހިލާފަށް ބަންދުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަށް ރިއާޔަތްކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 500،000 ރުފިޔާ ނަގައިދިނުމަށް އެދިފައެވެ.

އެ ދައުވާއާ ގުޅިގެން ދައުލަތުން (ފުލުހުން) ވިދާޅުވީ މިފަދަ މައްސަލަތައް އާންމު އުސޫލުން ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިދީފައިވީ ނަމަވެސް މި މައްސަލައިގެ ހާލަތައް ބަލާއިރު މި މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ އައްޒާން ރާއްޖެ އެތެރެކުރި 20 ކާޓްރިޖު ފުރަތަމަ މަރުހަލާގައި މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ. އެހެންވެ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ދަށުން އައްޒާން ހުއްޓުވައި ސުވާލުކުރުމުން އެއީ އޭނާ ވިޔަފާރި ކުރަން ގެނައި ތަކެތި ކަމަށް އެއްބަސްވި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެއާއެކު އައްޒާން ހައްޔަރުކޮށްފައިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އައްޒާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރި ކަމަށާއި ކޯޓުގެ އެ އަމުރު އައްޒާންގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ފުލުހުންގެ ފޮރެންސިކުން އެ 20 ކާޓްރިޖް ތަހުލީލު ކުރި އިރު އޭގެއިން މަސްތުވާތަކެތި ފެނިފައިނުވާތީ އައްޒާން ބަންދުން ދޫކޮށް މައްސަލަ ފައިލްކޮށްފައިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެހެންވެ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި ފުލުހުން، އައްޒާން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް އެއްވެސް ކޯޓަކުން ނިންމާފައިނުވާކަ މަށް ދައުލަތުން ވިދާޅުވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްމަހު މި މައްސަލައިގެ ހުުކުމުގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ފަހީމް އިބްރާހިމް ވިދާޅުވީ ފުލުހުން އިޖުރާއަތާ އެއްގޮތަށް ތަހުގީގުކޮށް، މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ހެކި ނުލިބުމުން މައްސަލަ ފައިލްކުރެވޭ ކޮންމެ މައްސަލައަކާ ގުޅިގެން ދައުވާކުރުމުގެ ދޮރު ހުޅުވިއްޖެނަމަ، މައްސަލައިގެ ކުރީކޮޅު ފުލުހުންނަށް ލިބޭ ހެކިތަކާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތަށް ފިޔަވަޅު އަޅަން ފުލުހުން ފަސްޖެހޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ ގާނޫނާހިލާފަށް ބަންދުކުރި ކަމަށް ބުނެ މަދަނީ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނީ އެ ފަރާތެއް ބަންދުކުރީ ގާނޫނާހިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅާފައިވާ ހާލަތްތަކުގައި އެކަނި ކަމަށެވެ. މި މައްސަލައިގައި ދައުވާކުރާ ފަރާތަކީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މީހެއް ކަމަށާއި އެ ފަރާތް ގާނޫނާހިލާފަށް ބަންދުކުރި ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެެހެންވެ މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުން ވެގެންދާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކުރިކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަންތައްތައް ފާހަގަކުރައްވައި ގާޒީ ހުކުމްކުރެއްވީ މި މައްސަލަ ކުރިއަށް ގެންދިޔުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އަދި އައްޒާންގެ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 27،000 ރުފިޔާއަކީ ވަކީލު ފީގެ ގޮތުގައި ސީދާ ހަރަދުކުރި އަދަދުކަން ލިޔެކިޔުންތަކުން ނޭނގޭތީ އެ ފައިސާ ވެސް ނަގައިނުދެވޭނެ ކަމަށް ގާޒީ ހުކުމް ކުރެއްވިއެވެ.