ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑިި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށަން މާދަމާއަށް ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 10:30 އަށެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓަށް ހުށަހެޅީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދަކަމުންނުދާ ކަމަށް ބުނެއެވެ. އެއީ ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައެކެވެ.
އެ ފައިސާ ދައްކަން މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.
މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް