އީރާން- އިޒްރޭލް ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އީރާން- އިޒްރޭލް ހަނގުރާމައިގެ ތެރެއިން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގެ ސަބަބުން ގަތަރު ހިމެނޭހެން މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ލިބޭނެކަމަށް ބުނެ އެ ދާއިރާގެ ބައެއް ފަރާތްތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަންބޮޑުންވުންތަކާ ގުޅިގެން ތޯރިގް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާއި އަދި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ސަރުކާރުންދަނީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރެއްވޭތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ތޯރިގް ވިދާޅުވީ އެ ފަރާތްތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު މޮނިޓާކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ޓޫރިޒަމްގެ ދާއިރާގެ މަސައްކަތްތައް ހުއްޓުމަކަށް ނާންނާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން" ތޯރިގް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރާ އަސަރުތައް ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއި ކާބޯތަކެތި ލިބުން ކަށަވަރު ކުރުމާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. ޒަމީރު ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ އެކު ބާޒާރުގެ އަގުތަކާއި ބޭރުގެ ތެލާއި ވިޔަފާރީގެ މުއާމަލާތްތަކަށް އަންނަ ބަދަލުތައް ބަލައި ދިރާސާކުރަމުން އަންނަ ކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ދިވެހިންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި މިފަދަ ކަންކަމަށް ތައްޔާރުވެފައި ތިބުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
ކުރީގެ ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް