އިރާނުން ގަތަރަށް ދިން ހަމަލާ، ސައުދީ އަރަބިއްޔާ އިން ކުށްވެރިކޮށްފިއެވެ.

އިރާނާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ، އިރާނުގައި ހުންނަ ނިއުކްލިއާ ސައިޓުތަކަށް އެމެރިކާއިން ބޮން އެޅުމާ ގުޅިގެން، އިރާނުން ވަނީ އެކަމުގެ ބަދަލު ހިފުމަށް އެމެރިކާގެ ބޭސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ.

އެ އިންޒާރަށްފަހު ގަތަރުގައި ހުންނަ އަލް އުދައިދު އެއާ ބޭސްއަށް އަމާޒުކޮށް އިރާނުން ވަނީ މިސައިލު ހަމަލާތަކެއް ރޭ ފޮނުވާލައިފައެވެ. އޭގެ ތެރެއިން އެއް މިސައިލު ފިޔަވައި، އެހެން ހުރިހާ މިސައިލުތަކެއް ގަތަރުގެ ސަލާމަތީ ބާރުތަކުން ވަނީ ގޮއްވާލައިފައެވެ. އަލް އުދައިދު އެއާ ބޭސްއަށް އަމާޒުވި މިސައިލާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ގަތަރުގެ އޮފިޝަލުން ބުނެއެވެ.

އިރާނުގެ ހަމަލާއާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިރާނުން ދިން ހަމަލާއަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ހަމަލާއެއް ނޫން ކަމަށާއި ގަތަރާ ދެކޮޅަށް އިރާނުން ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަވަށްޓެރި ގައުމުތަކުގެ ގުޅުމުގެ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށާއި މި ދަނޑިވަޅުގައި ގަތަރާއެކު އޮތް ކަމަށް ވެސް ސައުދީން ބުންޏެވެ.

އެ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރަން ވެސް ވަނީ ފަށައިފައެވެ.