ދެ އަހަރެއްހާ ދުވަހަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން ކުރެވެނީ އެނބުރި ގެއަށް އާދެވުމުން ކުރެވޭ އިހުސާސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ސަލްޓަން ޕާކުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އެނބުރި އާދެވުމުން އިންތިހާއަށް އުފާވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދިރިއުޅެނީ އެފްރިކާގައި، އަލުން އަނބުރާ ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑު ހިތުން ދުވަހަކުވެސް ހިތުން ފިލައިގެންނެއް ނުދާނެ. ތިޔަބޭފުޅުން ވަރަށް ބޮޑަށް ޝުކުރިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން ދެންނެވި މަރުހަބާއަށް ހާއްސަކޮށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށާއި އަދި ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ތިޔަ ކިޔުއްވި ހޫނު މަރުހަބާއާއި ތިޔަ ބަހައްޓަވާ ގާތްކަމަށް، ތިޔަ ބަހައްޓަވާ އެކުވެރިކަމަށް، ދުވަހަކުވެސް ދުރުނުވާ ގުޅުމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު އެ ޕާޓީއާ ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.