ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)ގެ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ އަޑުއެހުމުގައި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގިއިރު އެ ހުރިހާ ފަރާތްތަކުންވެސް ބުނީ އެޕާޓްމެންޓް ވިއްކިކަމުގެ އެއްބަސްވުމުގައި ހަންބޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ މަންޑޭ ކަމަށެވެ. އެޕާޓްމެންޓު ވިއްކުމުގެ އެއްބަސްވުމުގައި، އެޕާޓްމެންޓް ހަވާލުކުރާނެކަމަށް ބަޔާންކޮށްފައިވާ ތާރީހަށް އެޕާޓްމެންޓް ހަވާލުކޮށްފައި ނުވާކަމަށްވެސް ހެކިވެރީން ބުންޏެވެ. އެޕާޓްމެންޓް ހަވާލު ނުކުރުމުގެ އިތުރުން ގެއްލުމުގެ ބަދަލެއްވެސް މަންޑޭގެ ފަރާތުން ދީފައިނުވާ ކަމަށް ބުންޏެވެ.

އެ ހަތަރު ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މިއަދުގެ އަޑުއެހުމަށް މަންޑޭ ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކަމަށެވެ. ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މަންޑޭ، އަޑުއެހުމަށް ހާޒިރުކުރަން ޖެހުނީ އެންމެފަހުން ބޭއްވި އަޑުއެހުމަށް ހާޒިރު ނުވުމުގެ ސަބަބުންކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މަންޑޭގެ ފަރާތުން އެ ދުވަހު މެޑިކަލް ފޯމުތަކެއް ލިބިފައިވީ ނަމަވެސް ޝަރީއަތުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށް ކަމަށެވެ. ސަބަބަކީ ކޯޓަށް ހާޒިރު ނުވެވޭނެ ފަދަ ބައްޔެއް މަންޑޭގެ ކިބައިގައި ހުރިކަން އެ ލިޔުންތަކުގައި ބަޔާންކޮށްފައި ނުވާތީ ކަމަށެވެ.

ގާޒީ ވިދާޅުވީ މަންޑޭ ބަލިވެގެންކަމަށް ބުނެ ކޯޓަށް ހާޒިރުނުވި ދުވަހު، އަޑުއެހުން ކެންސަލްވިކަން އަންގަން ހެކިވެރިންނަށް ގުޅުމުން، މަންޑޭ ދަރިފުޅުބަލައި ސްކޫލް ދޮށާާއި އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުން އެ ދުވަހު ފެނުނު ކަމަށް ހެކިވެރިން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންވެ މަންޑޭ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރާކަމަށް ގާޒީ ވިދާޅުވިއެވެ.

އެ އަމުރާ ގުޅިގެން މަންޑޭ ވަނީ އޭނާ ކޯޓަށް ދެން ހާޒިރުވާނެ ކަމަށާއި އަދި "އެއް ޗާންސް" ދިނުމަށް އެދޭ ކަމަށް ބުނެފައެވެ. މަންޑޭ ބުނީ ސްކޫލްދޮށަށް ދަރިފުޅު ބަލައިދާން ޖެހެނީ އެކަން ކުރާނެ އެހެން މީހަކު ނެތުމުން ބަލިވިޔަސް އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ. އޭނާގެ ކަންފަތް މިހާރުވެސް ހުރީ ބައްވެފައި ކަމަށާއި ރަނގަޅަށް އަޑު ނުއިވޭކަމަށް މަންޑޭ ބުންޏެވެ.

ދެން ކޯޓުން އަންގާ ކޮންމެ ދުވަހަކު ކޯޓަށް ހާޒިރުވާނެކަމަށް މަންޑޭ ބުންޏެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ސްކޫލް ދޮށަށް ދެވޭނަމަ ކޯޓަށްވެސް ހާޒިރު ވެވޭނެ ކަމަށާއި ޝަރީއަތް ނިމެންދެން މަންޑޭ ބަންދުކުރުމަށް އަމުރުކުރާ ކަމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގެ ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމުން އެ އަމުރު ކޯޓުން ރިވިއު ކުރާނެ ކަމަށެވެ.

ދެން މި މައްސަލައިގައި އަޑުއެހުން ފަށާނީ މެންދުރު 1:00 ޖަހާއިރުކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ފެށުމުގެ ކުރީންވެސް ގާޒީ ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކުރައްވައިފައެވެ.

މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު މަންޑޭ ތަމްސީލުކުރާނެ ވަކީލަކު އަދި ހަމަޖެހިފައިފައެއް ނުވެއެވެ.

ޕީޖީ އޮފީހުން 23 ޑިސެމްބަރު 2023 ބުނެފައިވަނީ މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވައިލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށެވެ.

ޓެކުމާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި އިރު، އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.

މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަންޑޭގެ މުދާތައް މުއްދަތެއް ނެތް ގޮތަށް ފުލުހުންނާއި ހަވާލުކުރުމަށްވެސް މީގެ ކުރިންވަނީ އަމުރުކޮށްފައެވެ. ގާޒީ އެ އަމުރުކުރެއްވީ 14 ނޮވެމްބަރު 2024 ގަ އެވެ.

މި މައްސަލައިގައި މަންޑޭގެ ވަކީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަގީބް އަހުމަދެވެ. އޭނާ ފަހުން ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ