ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުން ނުލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި އެގޮތުން 600 އެއްހައި ސެން ޓީޗަރުން ބޭނުންވާ ކަމަށާއި 200 އެއްހައި ޕްރައިމަރީ ޓީޗަރުން އަދިވެސް ބޭނުންވާ ކަމަށެވެ.
މި އަދަދަށް ޓީޗަރުން ބޭނުންވަނީ ކީސްޓޭޖް ހަތަރަކާއި ކީސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުން ނުހިނަމައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް މިދިޔަ އަހަރު ފަށާފައިވާ ކަމަށާއި އެގޮތުން މިއަހަރު ވެސް އިތުރު ޕްރޮގްރާމްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ ހައި އެޑިއުކޭޝަން އިންސްޓިޓިއުޓްތަކާ ގުޅިގެން ސެން ޓީޗަރުން ތަމްރީން ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަޅުގަނޑުމެން ފައްޓާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވާ އިރު، "ރައީސްގެ ޖަވާބު" ޕްރޮގްރާމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މި އަހަރުގެ މެދު ތެރޭގައި ސެން ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.
ސެން ޓީޗަރުންނަށް ފައިސާގެ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޓީޗަރުން
ޓީޗަރުން