ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް، މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1/ ހުސައިން ޝިފާއު، 37އ. ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ އަމިއްލައަށް ރާއްޖެ އައުމުން، ދައުލަތުން އެދިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްދިނުމަށް ޝިފާއު އެދިއްޖެއެވެ.

ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން އެ އަހަރުގެ މެއި 27 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ.

ކުރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންވެ ފުލުހުން ވަނީ އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފައެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އޮތީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ 23 ދައުވާއެއް އުފުލައިފައެވެ. އެ ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ހަތް ދައުވާއެއް ހިމެނެއެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އެ މައްސަަލައިގެ އަޑުއެހުމެއް ބޭއްވިއިރު ޝިފާއު ބުނީ އޭނާގެ ފަރާތުން ޝަރީއަތަށް އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އޭނާ ރާއްޖެއިން ބޭރަށް ފުރީ ފުލުހުންނަށް އެންގުމަށްފަހު ކަމަށެވެ. ރާއްޖެއިން ބޭރުގައި ހުރިއިރުވެސް އޭނާ ދިޔައީ ކޯޓަށާއި ފުލުހުންނާ މުއާމަލާތް ކުރަމުން ކަމަށެވެ. އޭނާ ރާއްޖެ އައީވެސް އަމިއްލައަށް ކަމަށް ޝިފާއު ބުންޏެވެ. އެހެންވެ އޭނާގެ ޕާސްޕޯޓް ދޫކޮށްނުމަށް ޝިފާއު އެދުނެވެ.

ނަމަވެސް މައްސަލަ ބައްލާވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ޕާސްޕޯޓް ދޫކުރެވޭނީ ދައުލަތުން އެކަމާ ގުޅޭގޮތުން ދެކޭ ގޮތް ސާފުކުރުމަށްފަހު ކަމަށެވެ. އެހެންވެ ގާޒީ ވަނީ ދައުލަތުން ދެކޭ ގޮތް ސާފުކުރުމަށް ދައުލަތާ ސުވާލުކުރައްވައިފައެވެ.

ދައުލަތުގެ ވަކީލް މާޒިން މުހައްމަދު ވަނީ ޝިފާއުގެ ޕާސްޕޯޓް ދޫކުރުމަށް އިއުތިރާޒު ކޮށްފައެވެ.

ނަމަވެސް ޝިފާއު ވަނީ އަނެއްކާވެސް ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިފައެވެ. އެހެންވެ ގާޒީ ވިދާޅުވީ ޕާސްޕޯޓް ދޫކުރުމަށް ދައުލަތުން އިއުތިރާޒު ކުރާ ކަމަށެވެ. ގާޒީ ވިދާޅުވީ ޝިފާއު، ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ދައުލަތުން އޭނާއާ ދެކޮޅަށް ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ކޯޓުން ހުއްދަ ނުހޯދައި ކަމަށެވެ.

ގާޒީ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ރާއްޖެއިން ބޭރަށް ފުރާނަމަ ހޯދަން ޖެހޭނީ ކޯޓުގެ ހުއްދަ ކަމަށާއި އެހެން ބަޔަކަށް ނުވަތަ އެހެން ފަރާތަކަށް އެންގުމަށްފަހު ފުރައިގެން ނުދެވޭނެ ކަމަށެވެ. ޝިފާއުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓަށް ނާންގައި ފުރައިގެން ދިޔުމުގެ ސަބަބުންކަމަށް ގާޒީ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ޝިފާއު ބުނީ ދައުލަތުންވަނީ އެކަމާ ގުޅިގެން ކޯޓަށް ނުބައި މައުލޫމާތުތަކެއް ދީފައި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައިވަނީ ދައުލަތުން ޝިފާއުއާ ދެކޮޅަށް ހުށަހެޅި ހެކިވެރިޔާގެ ހެކިބަސްވެސް ނަގައިފައެވެ. ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ އޭނާއަކީ ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރައެއް ހިންގާ މީހެއް ކަމަށާއި މުދާ އެތެރެކުރަން ޝިފާއުއަށް ފައިސާ ދީފައިވާނެ ކަމަށެވެ. އަދި މުދާ ކްލިއާ ކުރުމަށްވެސް ޝިފާއުއަށް ފައިސާ ދީފައިވާނެ ކަމަށެވެ.

ހެކިވެރިޔާ ބުނީ އެއްވެސް މުދަލެއް ނުލިބި 1.2 މިލިއަން ރުފިޔާ ޝިފާއުއަށް އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާނެ ކަމަށެވެ.

ހެކިވެރިޔާގެ ހެކިބަހާ ގުޅިގެން ޝިފާއުގެ ފަރާތުން އެއްވެސް ވާހަކައެއް އަދި ސުވާލެއް ވެސް ކޮށްފައެއް ނުވެއެވެ.

ދައުލަތުން މީގެ ކުރިން ބުނެފައިވަނީ ޝިފާއު އެ ކުށް ކޮށްފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ.

ޝިފާއުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ގިނަ ދައުވާތަކެއް ކުރާއިރު އޭނާ "ނަލަހިޔާ ރެސިޑެންސް 3 އޭ" ކުލި ނުދައްކާތީ ސިވިލް ކޯޓުން ވަނީ ކުލީގެ ގޮތުގައި 206،237 ރުފިޔާ ދެއްކުމަށް ޝިފާއުގެ މައްޗަށް 29 ޖޫން 2024 ގައި ހުކުމްކޮށްފައެވެ.

ޝިފާއުއަށް މި ސަރުކާރުން ސިޔާސީ މަގާމެއްވެސް ދިނެވެ. އެގޮތުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުއްޓައި، މީޑިއާއިން އޭނާއާ ގުޅޭ ވާހަކަ ފެންމަތިކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.