ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި 600 އެއްހައި ސެން ޓީޗަރުންނާއި 200 އެއްހައި ޕްރައިމަރީ ޓީޗަރުން އަދިވެސް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިދިޔަ 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 74 ޕަސެންޓަކީ ދާއިމީ ދިވެހި ޓީޗަރުން ކަމަށާއި ބިދޭސީ ޓީޗަރުންގެ އަދަދަކީ 22 ޕަސެންޓް ކަމަށެވެ. އަދި ހަތަރު ޕަސެންޓަކީ ވަގުތީ ޓީޗަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަތަރު ޕަސެންޓަކީ ވަގުތީ ޓީޗަރުން ކަމަށާއި އެއީ ހަތަރު މާއްދާ ކަމަށްވާ ދިވެހި، އިސްލާމް، ގުރުއާން އަދި ޕްރައިމަރީ ޓީޗިންއަށް ޓީޗަރުން ނުލިބިގެން ނަގާފައިވާ ޓީޗަރުން ކަމަށެވެ. އެ ޓީޗަރުންނަކީ އެއްވެސް ތަމްރީނެއް ލިބިފައި ނުވާ ފަރާތްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ. 200 އެއްހާ ޕްރައިމަރީ މުދައްރިސުން އެބަ ބޭނުންވޭ. މިއީ އަދި ކީސްޓޭޖް ހަތަރަކާއި ކީސްޓޭޖް ފަހަކަށް ބޭނުންވާ ސަބްޖެކްޓް ޓީޗަރުން ނުހިނަމައި. އެހެންވީމަ މީގެން އަޅުުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެންގެ ދަރީންނަށް ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި ފެންވަރު ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާކަން މިކަމުން ޝައްކެއް ނެތް މިންވަރަށް އެބަ ހާމަވެގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 77 ޕަސެންޓަކީ އަންހެން ޓީޗަރުން ކަމަށާއި ފިރިހެން ޓީޗަރުންގެ ޕަސެންޓަކީ 23 ކަމަށެވެ. އަދި އޭގެ ތެރެއިން ދިވެހި ފިރިހެން ޓީޗަރުންގެ ޕަސެންޓަކީ 16 ކަމަށާއި ޕްރައިމަރީގައި ކިޔަވައިދެނީ ނުވަ ޕަސެންޓް ދިވެހި ފިރިހެން ޓީޗަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗަރުން
ޓީޗަރުން