އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަކީ ސަރަހައްދީ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔަބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

އިސްތަންބުލްގައި ކުރިއަށްދާ އޯނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓުގައި ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވީ، އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކީ އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ ނިއުކްލިއާ މަޝްވަރާތަކަށް ހުރަސް އެޅުމަށް ގަސްދުގައި ކުރި ކަމެއް ކަމަށެވެ.

އަދި އެކަމުން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން އެއްވެސް މައްސަލައެއް ޑިޕްލޮމެޓިކްކޮށް ހައްލު ކުރަން ބޭނުން ނުވާކަން ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަހަރެންމެންގެ މުޅި ސަރަހައްދާއި މުޅި ގައުމު ބޮޑު މުސީބާތެއްގެ ތެރެއަށް ވައްޓާލުން ނޫން ވިސްނުމެއް ނަތަންޔާހޫގެ ނެތް،" އުރުދުގާން ވިދާޅުވި އެވެ.

އޭނާ ވަނީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ މުއާހަދާތަކާ ހިލާފުނުވާ ގޮތަށް އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މުސްލިމު ގައުމުތަކަށް ގޮވާލައްވައިފަ އެވެ.