ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވް ވަނީ އޭނާގެ 13.9 ބިލިއަން ޑޮލަރުގެ މުދާ އޭނާގެ ދަރީންނަށް ބަހަން ނިންމައިފައެވެ. އޭނާގެ 100 އަށްވުރެ ގިނަ ދަރިން ތިބިކަމަށް ބުނެފައިވެއެވެ. މި ވާހަކަ އޭނާ ބުނެފައިވަނީ ފްރެންޗް މަޖައްލާ "ލޭ ޕޮއިންޓް" އަށް ދިން އިންޓަވިއުއެއްގައެވެ.

ޑުރޯވް ބުނެފައިވަނީ އޭނާގެ ދަރީންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރާނެ ކަމަށެވެ.

"އަހަރެންގެ އުފަން ދަރީންނާއި އަހަރެންގެ ދަރިފަނި ހަދިޔާކޮށްގެން އުފަންވި ދަރިންނާ ދެމެދު އެއްވެސް ތަފާތެއް ނުކުރަން. އެ އެންމެންނަކީވެސް އަހަރެންގެ ދަރިން. އަދި އެންމެންނަށްވެސް އެއް ހައްގުތަކެއް ލިބޭނެ،" އޭނާ ބުނެފައިވެއެވެ.

40 އަހަރުގެ މި ޓެކް ބިލިއަނަރަކީ "ރަޝިއަން މާކް ޒަކަބަރގް" ގެ ނަމުން މަޝްހޫރު މީހެކެވެ. އޭނާގެ ދިރިއުޅުމަކީ ސިއްރުން ފޮރުވިފައިވާ ދިރިއުޅުމެކެވެ.

ޑުރޯވް ބުނެފައިވާ ގޮތުގައި މި މަގަށް އޭނާ ދިޔައީ 15 އަހަރު ކުރިން ރައްޓެއްސަކު އޭނާގެ ކިބައިން ދަރިފަނި ހަދިޔާކޮށްދޭން އެދުމުންނެވެ. އޭގެ ފަހުން، 12 ގައުމެއްގެ 100 އަށްވުރެ ގިނަ ދެމަފިރިންނަށް ދަރީން ލިބުމަށް އެހީތެރިވެދީފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ޑުރޯވް ބުނެފައިވަނީ އޭނާގެ ވަސިއްޔަތް ދާދި ފަހުން ލިޔެފައިވާ ކަމަށެވެ. އަދި އޭނާގެ ދަރީންނަށް އޭނާގެ މުދަލަށް ވާސިލު ވެވޭނީ މިއަދުން ފެށިގެން 30 އަހަރު ފަހުން ކަމަށްވެސް ނިންމާފައިވާ ކަމަށެވެ.