ފީފާ ކްލަބު ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ބޮޓަފޮގޯ އަތުން ބަލިވެ، ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއަށް ލަދުވެތިިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އާ ފޯމެޓެއްގައި އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ބްރެޒިލްގެ ބޮޓަފޮގޯ އަތުން ފްރާންސްގެ ޕީއެސްޖީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

އިތުރު ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތުދީގެން ޕީއެސްޖީން މެޗު ފެށީ ވަރުގަދަ އެޓޭކިން ކުޅުމަކާއެކުއެވެ. މެޗުގެ ކުރީކޮޅު އެޓީމުގެ ހަލުވި ފޯވަޑް ކްވިޗާ ކްވަރަޝްކޭލިއާ އަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ކްވަރަޝްކޭލިއާ ފޮނުވާލި ފުރަތަމަ ހަމަލާ، ބޮޓަފޮގޯގެ ކީޕަރު ޖޯން މަތަކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބޮޓަފޮގޯ އިން ވަނީ ލީޑު ހޯދައި، ޕީއެސްޖީ ޕްރެޝަރަށް ވައްޓާލައިފައެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބޮޓަފޮގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިގޯ ޖެސޫސް އެވެ. އޭނާ ފޮނުވާލި ހަމަލާ، ގޯލު ތެރެއަށް ވަދެފައިވަނީ ޕީއެސްޖީގެ ޑިފެންޑަރު ވިލިއަން ޕަޗޯގެ ފައިގައި ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ބަދަލުތަކަކާއެކު އެޓޭކު އިތުރަށް ވަރުގަދަކޮށް، މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ބޮޓަފޮގޯގެ ޑިފެންސް ވަރުގަދަކޮށް ފެނިގެންދިޔަ އިރު، އެޓީމުން ވެސް ދިޔައީ އެޓޭކުގައި ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފަން މަސައްކަތްކުރަމުންނެވެ.

ދެވަނަ ހާފުގައި ޕީއެސްޖީން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ޕޯޗުގަލް ފޯވަޑް ގޮންކާލޯ ރާމޯސްއަށެވެ. ވިޓީނިއާ ނަގައިދިން ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރާމޯސް ބޮލުން ފޮނުވާލި ހަމަލާ، ބޮޓަފޮގޯގެ ކީޕަރު ޖޯން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އެމެރިކާގެ ސިއޭޓްލް ސައުންޑާސް އަތުން 3-1 ގެ ނަތީޖާއަކުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ މޮޅުވެފައެވެ. އެ މެޗުގައި އެތުލެޓިކޯ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޕަބްލޯ ބަރިއޯސް ކާމިޔާބުކޮށްދިން އިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ އެކްސެލް ވިޓްސެލް އެވެ. އަދި ސިއޭޓްލް ސައުންޑާސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަލްބާޓް ރުސްނަކް އެވެ.

"ގްރޫޕު ބީ" ގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ހޯދި ތިން ޕޮއިންޓާއެކު މިވަގުތު ގްރޫޕުގެ އެއްވަނައިގައި އޮތީ ބޮޓަފޮގޯ އެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އާއި އެތުލެޓިކޯ މެޑްރިޑަށް، އެއިން ކޮންމެ ޓީމަކަށް ވެސް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ސިއޭޓްލް ސައުންޑާސްއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެ ނަތީޖާތަކާއެކު އެ ގްރޫޕުގެ ފަހު މެޗުތައް އިތުރަށް ފޯރިގަދަވާނެއެވެ. ގަދަ 16 އަށް ދަތުރުކުރުމުގެ ފުރުސަތު ބޮޓަފޮގޯ އާއި ޕީއެސްޖީ އަދި އެތުލެޓިކޯ މެޑްރިޑަށް ވެސް އޮންނާނެއެވެ. ބޮޓަފޮގޯއަށް ފަހު މެޗުގައި އެތުލެޓިކޯ ކައިރިން ޕޮއިންޓެއް ހޯދައިގެން ވެސް ގަދަ 16 އަށް ދެވެން އޮންނާނެއެވެ. ނަމަވެސް އެތުލެޓިކޯ އާއި ޕީއެސްޖީއަށް ޖާގައެއް ކަށަވަރުކުރުމަށް މޮޅެއް ހޯދުމަށް އެ މެޗުތައް މުހިންމުވާނެއެވެ.

ގްރޫޕުގެ ފަހު މެޗުގައި ބޮޓަފޮގޯއާ ދެކޮޅަށް އެތުލެޓިކޯ ނުކުންނަ އިރު، ޕީއެސްޖީ ނުކުންނާނީ ފުލުގައި އޮތް ސިއޭޓްލް ސައުންޑާސްއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 12:00 ގައެވެ.