ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބޯތީގެ އަންހެން ދަރިފުޅު، ދިޝާނީ ޗަކްރަބޯތީ ހޮލީވުޑްގައި މަޝްހޫރުކަން ހޯދައިފިއެވެ. އޭނާގެ ކުޑައިރުގެ ހާލަތާއި ހޮލީވުޑްގެ ދޮރުތައް ހުޅުވުނު ގޮތަކީ ގިނަ ބަޔަކު ޝައުގުވެރިވާ ވާހަކައެކެވެ.
ބޮލީވުޑް ހަބަަރުތައް ބުނާ ގޮތުގައި ދިޝާނީ އަކީ މިތުން އާއި އޭނާގެ އަންހެނުން ޔޯގީތާ ބާލީ އެޑަޕްޓްކޮށްފައިވާ ދަރިއެކެވެ. ދިޝާނީ ކޮލްކަތާގައި އުފަންވުމަށްފަހު، އޭނާގެ މައިންބަފައިން ވަނީ ކުނިގޮނޑެއްގެ ކައިރިއަށް އޭނާ ދޫކޮށްލައިފައެވެ. މަގުމަތިން ދިޔަ ބަޔަކަށް ދިޝާނީ ފެނި، އެކަކު އޭނާ ގެއަށް ގެންދިޔައެވެ.
މިކަން ނޫހަކުން މިތުންއަށް އެނގުމާއެކު، އޭނާ އަވަހަށް ކޮލްކަތާއަށް ގޮސް ބޭނުންވީ އެ ކުޑަ އަންހެން ކުއްޖާ އެޑަޕްޓްކުރާށެވެ. މި ނިންމުމަށް އޭނާގެ އަންހެނުން ޔޯގީތާވެސް ތާއީދުކުރި އެވެ.
ގެއަށް ގެންގޮސް އޭނާއަށް ދިޝާނީގެ ނަން ދިނެވެ. މިތުންގެ އިތުރު ތިން ދަރީން ތިބެއެވެ. އެއީ މަހާކްޝޭ ޗަކްރަބޯތީ، އުޝްމޭ ޗަކްރަބޯތީ އަދި ނަމާޝީ ޗަކްރަބޯތީ އެވެ.
މިތުން އާ ވަރަށް ގާތް ގުޅުމެއް ދިޝާނީ ބާއްވަ އެވެ. ބަލަނީ ބައްޕަ ކަމަށެވެ. ބައްޕަ ފަދައިން، އެކްޓިންގް އަކީ އޭނާގެ ކެރިއަރެވެ. އިންޑިއާއިން ތައުލީމު ހާސިލުކުރުމަށްފަހު، އިތުރު ތައުލީމު ހާސިލްކުރުމަށް އެމެރިކާގެ ލޮސް އެންޖަލިސްއަށް ބަދަލުވިއެވެ. އޭނާ ވަނީ ނިއު ޔޯކް ފިލްމް އެކަޑަމީން އެކްޓިންގް ދާއިރާއިން ގްރެޖުއޭޓް ވެފައެވެ.
ދިޝާނީ ހޮލީވުޑްގައި ފުރަތަމަ ފެނިގެންދިޔައީ 2017 ވަނަ އަހަރު ނެރުނު ކުރު ފިލްމު "ގިފްޓް" އިންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ނެރުނު ކުރު ފިލްމު "ދަ ގެސްޓް" އިންވެސް އޭނާ ފެނިފައިވެއެވެ. މި ފިލްމުގައި އޭނާގެ އެކްޓިންއަށް ގިނަބަޔަކު ތައުރީފުކުރިއެވެ.
މިތުންއާއި އޭނާގެ އަންހެނުން ޔޯގީތާ އެންމެ އަވަހަށް ފެނިގެންދާނީ އެމީހުންގެ ދަރިފުޅު ނަމާޝީ ޑައިރެކްޓްކުރާ ކުރު ސިލްސިލާ "ޓޯސްޓެޑް – އެކް ކަޑަކް ލަވް ސްޓޯރީ"ގައެވެ. ދިޝާނީއަކީ މިތުންގެ އެކްޓިންގް ދިރިއުޅުމުގެ ވާރުތަވެރިއެއް ކަމަށާއި އޭނާގެ ކުރިމަގު ވަރަށް އުޖާލާކަމަށް ފިލްމީ ދާއިރާގެ މީހުން ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް