އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން އެއް އަހަރުގެ ކުއްޖެއްގެ ގައިގާ ޖެހި، އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ރޭ 7:30 ހާއިރު ހިނގި އެ އެކްސިޑެންޓްގެ ވީޑިއޯ މިހާރު ސޯޝަލް މީޑިގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން އެކްސިޑެންޓް ހިނގީ ތިން އަންހެނަކާ އެކު މަގުގެ އެއް ފަރާތުން ކުއްޖާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް ކުއްޖާ މަގުގެ މެދަށް ދިޔަތަނާ ބާރު ސްޕީޑުގައި އައި ސައިކަލުން ޖެހިގެންނެވެ.

އެ ސައިކަލުގައި ދެ ފިރިހެނުން ތިބި އިރު، ސައިކަލުން ޖެހުނު ގޮތަށް ކުއްޖާ ވިއްސައިގެން ގޮސް ބިން މައްޗަށް ވެއްޓެ އެވެ. އަދި ވަގުތުން މަގުގެ އެއް ފަރާތުގައި ހުރި ފިރިނަކު ވަގުތުން ކުއްޖާ ނަގައިގެން އިތުރު ބަޔަކާ އެކު ދުވެފައި ދާތަން ފެނެ އެވެ. ބެލެވޭ ގޮތުގައި އެ މީހުން ދިޔައީ ސިއްހީ މަރުކަޒަށެވެ.

އެ ކުއްޖާ އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަން މި ނޫހަށް ކަށަވަރުވި ނަމަވެސް އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެ މައުލޫމާތު ހޯދަން ތޮއްޑޫ ސިއްހީ މަރުކަޒަށް ގުޅުމުން ޖަވާބު ދީފައެއް ނުވެ އެވެ. އަދި އާދައިގެ މަތިން އެފަދަ މައުލޫމާތަކީ އައިޖީއެމްއެޗް އިން ހާމަކުރާ މައުލޫމާތެއް ނޫނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ވަން' އަށް ވިދާޅުވީ، އެ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.