ރޭގަނޑުގައި ބާއްވާ އިވެންޓުތަކާއި ޕާޓީތަކަށާއި އެކި ހަފުލާތަކަށް ރޭގަނޑު 11 އާ ހަމަޔަށް ކުޑަގިރި އާންމުންނަށްވެސް ޒިޔާރަތްކުރެވޭނެ ގޮތަށް ހުޅުވައިލަން ނިންމާފައިވާ އެޗްޑީސީން ބުނެފިއެވެ.
ސަންގު ޓިވީގެ "ސައިގަޑި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުޑަގިރި އޮޕަރޭޝަންސްގެ އެސިސްޓަންސް ޑައިރެކްޓަރު މުހައްމަދު އަރުޝަމް އިއްޔެ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރޭގަނޑު 11 އާ ހަމަޔަށް ކުޑަގިރި އާންމުންނަށް ހުޅުވައިލުމުގެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.
"ރޭގަނޑު 11 އާ ހަމަޔަށް ހުޅުވައިލެވިގެން ދިޔައީމަ ވެޑިންގް އިވެންޓްސްތަކާއި ކޯޕްރޭޓިވް ޑިނާނައިޓްސްތައް ބާއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ކުޑަގިރިއަށް ކުރިޔަށް އޮތްތަނުގައި ރޭގަނޑު 11 އާ ހަމަޔަށް ހުޅުވާލެވިގެންދާނެ. އެކަން ހަމަޖެހުމާއެކީގައި ފެރީ ގަޑިތައް އިއުލާނު ކުރެވިގެންދާނެ." މުހައްމަދު ވިދާޅުވިއެވެ.
އެ ޕްރޮގްރާމުގައި އެޗްޑީސީގެ ހޮސްޕިޓަލިޓީގެ އޮޕަރޭޝަން މެނޭޖަރު އަލީ މާހިރު ވިދާޅުވީ ކުޑަގިރީގައި 7 ބީޗް އޮންނަ ކަމަށާއި އެ ތަނަކީ އާދިއްތަ ދުވަސް ފިޔަވައި ގިނަ އަދަދެއްގެ މީހުން އެތަނަަށް ޒިޔާރަތް ކޮށް މަޖާކުރަން ހުޅުވާލާފައިވާ ޕިކްނިކް އައިލެންޑެއް ކަމަށެވެ.
"އެއީ މި ހިސާބުގައި އެންމެ ރަނގަޅަށް ޑިވެލޮޕްކޮށްފައި އޮތް އެއް ރަށް. ކުޑަކުދީން ވާދެމުމާއި ފެންކުޅިކުޅުމާއި ބައިބަލާގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދޭ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންވެސް ބޭސްފަރުވާއަށް ކުޑަ ގިރި މޫދަށް އެރި ވެލި މޮޑެކަންކަން ކުރަމުންގެންދޭ." އަލީ ވިދާޅުވިއެވެ.
ކުޑަގިރީގައި މިހާރު ލިބެން ހުންނަ ހިދުމަތްތަކުގެތެރެއިން ބަގީގެ ހިދުމަތް އަދި އައިސްކިއުބް ފޯރުކޮށްދިނުމާއި ކައްކާނެ ތެލި، އުނދުޅި، ތާސް، އެތަނުގެ ހަޓަތަކުގައި ގޭސްއުދުން އަދި ގޭސްފުޅި، ބާބަކިއު ސަރަހައްދުގައި 12 ގްރިލް ބެއެވެ.
ކުޑަގިރައަށް ޒިޔާރަތްކުރުމަށް އެމްޓީސީސީ ފެރީއާއި ހުޅުމާލެއިން އެޗްޑީސީ ފެރީއާއި އަދި އަމިއްލަ ހަރަދުގައި ލޯންޗު ނުވަތަ ފެރީގައިވެސް ދެވޭނެ އެވެ. ކުޑަގިރީގައި މިވަގުތު ހުރީ 8 ކޮޓަރި އެވެ. އެތަނުގެ ރޫމްބުކިން ހެދުމަށް ހުޅުމާލޭގައި ހުންނަ ކުޑަގިރި ކިއޮސްއަށް ރަސްމީގަޑީގައި ދިއުމުން މައުލޫމާތު ސާފު ކުރެވޭނެ އެވެ.
"ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މިހާރު ކުޑަގިރިއަށް އާދޭ. އައްޑޫ ސިޓީ ފުވައްމުލަކު، އުތުރުން، މާލެ އަރާ ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްހަމަޖެހިގެން ކުޑަގިރިއަށް ދުރުވާތަން ފެނޭ. އުމުރުން ދުވަސްވީ ބޭފުޅުންވެސް ގޮވައިގެން މީހުން ދޭ." އަލީ މާހިރު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ކުޑަގިރި ޕިކްނިކް އައިލެންޑް
ކުޑަގިރި ޕިކްނިކް އައިލެންޑް