މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުން މީދާ މަރާ މުވައްޒަފުންނަށް ދޭން ކަނޑައެޅި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެ މުވައްޒިފަކު ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ކުޑަގިރީގައި މީދާ މަރާ މުވައްޒަފުންނަށް، މަރާ ކޮންމެ މީދަލަކަަށް 50 ރުފިޔާގެ މަގުން ފައިސާ ދިނުމަށް ކަނޑައެޅި ޕޮލިސީގެ ދަށުން މީދާ މަރާ މުވައްޒަފުންނަށް ޕެޓީކޭޝް އިން ހަރަދުކޮށްފައިވާ ފައިސާއަށް ހިޔާނާތްތެރިވުމާއި، މީދާ މެރިކަމުުގެ ޑޮކިއުމެންޓްތަކެއް ފޯޖުކުރި މައްސަލަ އާއި، މީދާ މެރި މުވައްޒަފުންނަށް ފައިސާ ދޫކުރުމުގެ ނަމުގައި އަސްލެއްނެތް ލިއުންތަކެއް އުފެއްދުމާއި، އަމިއްލަ ބޭނުމަށް ޕެޓީކޭޝް ހަރަދުކޮށްފައިވާ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ކުޑަ ގިރީގެ އެސިސްޑެންޓް މެނޭޖަރުކަމުގެ މަގާމުގައި ހުރި ތ. ބުރުނި ގުލްހަޒާރުގެ އިބްރާހިމް ޝާހިރު އާއި، ކުޑަގިރީގައި އެސިސްޓަންޓް އެކައުންޓެންޓް އޮފިސަރުގެ މަގާމު އަދާކުރަމުންދިޔަ ގދ. ހޯނޑެއްދޫ ގުލްބަކާގެ އަޒުވީނު މުހައްމަދެވެ.

މި ދެމީހުން ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

މީގެ ތެެރެއިން ޝާހިރު ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާ އަދާކުރަމުންދިޔަ މަގާމަށް އަލުން ރުޖޫއަކޮށްދިނުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމޭ ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިދިނުމަށެވެ.

ކުޑަގިރީގައި އަދާކުރަމުންދިޔަ ވަޒީފާއިން އަޒުވީނު ވަކިކޮށްފައިވަނީ ކޮންޓްރެކްޓް ހަމަނުވަނީސް، ހަގީގަތާ ހިލާފް ތުހުމަތެއްކޮށް، ގާނޫނާހިލާފަށް ކަމަށްބުނެ، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީފާ އާއި މުސާރަ އިއާދަ ކުރުމަށާއި، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ލިބިދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށް އޭނާ ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ.

މީގެ އިތުރުން މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް ވަކީލުން އައްޔަންކޮށްދޭ ފީގެ ގޮތުގައި 25،000 ރުފިޔާ ނަގައި ދިނުމަށާއި، ހިޔާނާތުގެ ތުހުމަތުކޮށްފައިވާތީ، އަބުރަށް ލިބިފައިވާ ގެއްލުމާއި، އެ ގެއްލުމާއި އުނިކަމުގެ ސަބަބުން އެހެންތަނަކުންވެސް ވަޒީފާ ހޯދަން ދަތިތަކެއް ކުރިމަތިވެފައިވުމުން ބަދަލެއްގެ ގޮތުގައި 30،000 ރުފިޔާ ނަގައި ދިނުމަށާއި، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ނާންނަނީސް ބޮޑެތި ތުހުމަތުތަކެއްކޮށް ދެވަނަ ފުރުސަތެއްނުދީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ލިބިފައިވާ ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 30،000 ރުފިޔާ ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ދެފަރާތުންގެ ހުށަހެޅުންތަކާއި ހެކިންގެ ހެކިބަހަށް ބުރަވެ، ޓްރައިބިއުންނަލުން މި މައްސަލަ ނިންމާފައި ވަނީ، އެ ދެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއް މެދުވެރިވެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ދީ، އަދުލުވެރި އިޖުރާއަތެއްގެ ދަށުން ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން އިބްރާހިމް ޝާހިރު އާއި، އަޒުވީނު މުހައްމަދު ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ވާކަމަށް ކަޑައަޅައި، އެ ދެ މީހުން އެދިފައިވާ ފަދަ އެއްވެސް އަމުރެއް އެޗްޑިސީގެ މައްޗަށް ކުރާނެ ގާނޫނީހަމައެއް ނެތްކަމަށް ގަނޑައަޅައި މައްސަލަ ނިންމާ ކަމަށެވެ.