ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، އަމިއްލަ މީހެއްގެ އަތުން ނެގި ގިނަ އަދަދެއްގެ ފައިސާތަކެއް އަނބުރާ ދައްކަން ބައްސާމުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އަބްދުލްޖަލީލް އަބްދުއްރަހުމާން އާއި ބައްސާމްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބައްސާމް ނުދައްކައި އޮތް 269،714 ރުފިޔާއާއި ފައިސާ ނުދެއްކި ދިޔަ ދުވަސްތަކަށް ދައްކަން ޖެހޭ 6،000 ރުފިޔާއާއި އެ ފައިސާގެ އިތުރުން ދައުވާކުރާ ދުވަހާ ހަމައަށް ދައްކަން ޖެހޭ 235،00 ރުފިޔާއާއި އެ ފައިސާ ހޯދުމަށް ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހަރަދުކުރަންޖެހޭ 25،000 ރުފިޔާއާއެކު ޖުމްލަ 324،214 ރުފިޔާ ހޯދުމަށް އެދި އަބްދުއްރަހުމާން، ބައްސާމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
އެ ދައުވާއަށް ބައްސާމްގެ ފަރާތުން އެއްވެސް ރައްދެއް ނުވަތަ ޖަވާބުދާރީވެފައެއްވެސް ނުވެއެވެ. އެހެން ވެ އަބްދުއްރަހުމާން ވަނީ ބައްސާމުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ. ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް ޖަވާބުދާރީ ނުވެއްޖެނަމަ، ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިގެންވާތީ ކޯޓުން ނިންމީ މި މައްސަލަ ބައްސާމުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުމަށެވެ.
މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގައި ހޯދަން އެދިފައިވާ ފައިސާއަކީ ބައްސާމްގެ ފަރާތުން އަބްދުއްރަހުމާނަށް ލިބިދޭން ޖެހޭ ފައިސާކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެއްބަސްވުމުގެ ކޮޕީއާއި، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ ނޯޓިސް ކޮޕީއާއި އެނޫންވެސް ލިޔެކިޔުންތައް ހެކީގެ ގޮތުގައި އަބްދުއްރަހުމާންގެ ފަރާތުން ހުށަހަޅާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަބްދުއްރަހްމާން ވަނީ ޝަރީއަތުގެ ހަރަދުވެސް ބައްސާމުގެ ކިބައިން ނަގައިދިނުމަށް އެދިފައި ކަމަށެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގައި އަބްދުއްރަހުމާންގެ ފަރާތުން އެދިފައިވަނީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ނެގުމަށް ކަމަށާއި އަބްދުއްރަހުމާން އެ އަދަދަށް މި މައްސަލައާ ގުޅިގެން ފައިސާ ހަރަދުކުރިކަން ސާބިތުވާ ކަމަށެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ އަބްދުއްރަހުމާން އެދިފައިވާ ގޮތަށް ޖުމްލަ 314،714 ރުފިޔާ ބައްސާމު ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް