ތ. ގުރައިދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން އިއްޔެ ބުނީ އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 106.02 މިލިއަން ރުފިޔާއަށެވެ. 2,272 މީހުންގެ އާބާދީއެއް އޮންނަ ގުރައިދޫ އަކީ ގިނަ އަދަދެއްގެ ފިހާރަތައް ހުންނަ ރަށަކަށް ވުމުން އެ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ގުރައިދޫއަށް ޒިޔާރަތްކުރެއެވެ.

19 ޖޫން 2025: ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް --- ފޮޓޯ/އެމްޓީސީސީ

އެ ރަށުގައި އެއާޕޯޓެއް އޮތުމަކީ ރަށުރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެއް ކަމަށާއި އެއާޕޯޓުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، ގެސްޓް ހައުސް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގުރައިދޫގެ ރައްޔިތުން އުންމީދު ކުރާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 13.80 ހެކްޓަރުގެ ބިން ހިއްކުން.
  • 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުން.
  • 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން.