މާލެ އިން ބޭރުގައި ސަރުކާރުން ބެހެއްޓި ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި ހުޅުވައިފިއެވެ.

ގުރައިދޫ ޑީކޯ ޗެމްބަރު ހުޅުވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގުރައިދޫގައި ޑީކޯ ޗެމްބަރު ހުޅުވައިދެެއްވީ ރައީސް މުއިއްޒުއެވެ. ޑީކޯ ޗެމްބަރު ހުޅުވީ އެމްއެންޑީފްގެ ހޮސްޕިޓަލް ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމުގައެވެ.

ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ރޭ ވިދާޅުވީ އެ ޑީކޮމްޕްރެޝަން ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންނަށް، އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު ހިދުމަތަކަށް ވާނެ ކަމަށާއި އެއީ ވަރަށް ޒަމާނީ، ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް ކަމަށެވެ.

"މާލެއިން ބޭރުގައި އެންމެ ފުރަތަމަ ބެހެއްޓޭ ޑީކޮމްޕްރެޝަން ޗެމްބާ މި ރަށުގައި މާދަމާ ހުޅުވިގެންދާނެ. އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އޮޕަރޭޓުކުރާ މި ޑީކޮމްޕްރެޝަން ޗެމްބާ ހަދިޔާކޮށްފައިވަނީ ޖަޕާނު ސަރުކާރުގެ ދީލަތު އެހީގެ ދަށުން އެ ސަރުކާރުގެ ފަރާތުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 100 މީޓަރު އަޑިން ޑީކޯ ވިޔަސް، ގުރައިދޫގައި ހުޅުވާ ޑީކޮމްޕްރެޝަން ޗެމްބަރުން ފަރުވާ ދެވޭ ފެންވަރު އެބަހުރި ކަމަށާއި އޭގެ އިތުރަށް ވެސް އޮކްސިޖަން ތަރަޕީ އާއި އެފަދަ އިތުރު ކަންކަމަށް ވެސް ކަމާބެހޭ ޑޮކްޓަރުންނަށް އޭގެ ބޭނުން ހިފޭނެ ކަމަށެވެ. އަދި އެހެން ރަށްރަށުގައި ވެސް ޑީކޮމްޕްރެޝަން ޗެމްބަރުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ވައުދުވެފައި ހުރި އެކި ރަށްރަށުގައި މި ޗެމްބަރުތައް ގާއިމުކުރުމަށްޓަކައި މަސައްކަތްތައް އެބަކުރެވޭ. ގަތުމާއި، ގެނެސް އިންސްޓޯލްކުރުމާއި، މި ހުރިހާ ކަމަކަށް. ވަރަށް ހަލުވި ދުވެލީގައި އެކަންކަން އެބަ ކުރިއަށްދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް، ކުރިއަށްއޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، އއ. ރަސްދޫއާއި، ތިނަދޫ ސިޓީއާއި، ގއ. ވިލިނގިލި އަދި މާލޭގައި ވެސް އެ ޗެމްބަރުތައް ބެހެއްޓިގެންދާނެ ކަމަށެވެ.