މަނާ ބޭސް ބޭނުންކުރިތޯ ބެލުމަށް ހަދާ ޑޯޕިން ޓެސްޓަކުން ފެއިލްވި، ޗެލްސީގެ ޔުކްރެއިން ވިންގް، މިހައިލޯ މުޑްރީކަށް ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ބެލެވިއްޖެއެވެ.

އުމުރުން 24 އަހަރުގެ މުޑްރީކް، ޑޯޕިން ޓެސްޓަކުން ފެއިލްވެ، ވަގުތީ ގޮތުން ސަސްޕެންޑް ކުރީ މިދިޔަ އަހަރު ޑިސެމްބަރު މަސް ތެރޭގައެވެ. އެއިރު ވަގުތީ ގޮތުން ސަސްޕެންޑް ކުރި ނަމަވެސް، މުޑްރީކްގެ މައްސަލަ އިނގިރޭސި އެފްއޭއިން ވަނީ ބަލަން ފަށައިފައެވެ.

އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ މުޑްރީކް މަނާ ބާވަތެއް ބޭނުންކުރިކަން އެނގި، އެކަމުގައި އަޅަން ޖެހޭ ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުޑްރީކްގެ މައްޗަށް އެފްއޭގެ ގަވައިދުގެ ދަށުން ފިޔަވަޅު އަޅަން ގަސްދުކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

މުޑްރީކްގެ މައްޗަށް އެކަން ސާބިތު ވެ، ފިޔަވަޅު އަޅައިފިނަމަ، ފީފާގެ ގަވައިދު ބުނާ ގޮތުން ހަތަރު ވަރަކަށް އަހަރަށް ސަސްޕެންޑް ވާނެއެވެ.

އެ މައްސަލައިގައި ޗެލްސީން އިތުރު އެއްޗެއް ބުނެފައިނުވާ އިރު، މުޑްރީކް އެންމެފަހުން ބުނީ މިކަމާ ހައިރާންވެފައި ހުރި ކަމަށެވެ. އެކަހަލަ އެއްވެސް ކަމެއް ގަސްދުގައި ކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ސަސްޕެންޝަނުގެ ސަބަބުން މުޑްރީކް މިހާރު ހުރީ ޗެލްސީގެ ސްކޮޑާއެކު ތަމްރީނުވެސް ނުކުރެވޭ ހާލަތެއްގައެވެ. އޭނާއަށް ނަފްސާނީ ސަޕޯޓު ޗެލްސީން ދެމުން އަންނަކަމަށް ކްލަބުން ބުނެފައިވާ އިރު، ކޮންފަރެންސް ލީގު ފައިނަލް ބެލުމަށް މުޑްރީކް ގޮސްފައިވެއެވެ.