ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުޑަކުދިން ރިހިބިލިޓޭޓްކުރާ ސެންޓަރު "ހޯޕް އައިލެންޑް" އާއި ސަރުކާރުގެ މައި ޖަލު، ސެންޓްރަލް ޕްރިޒަން ކޮމްޕެލްކްސް ހެދުމަށް ބޭރު ބައެއް ބޮޑެތި ގައުމުތަކުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ދެ ޕްރޮޖެކްޓަށް އެއްކޮށް ޝައުގުވެރިކަން ފާޅުކުރަން ހަތަރު ކުންފުންޏަކުން ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން މައުލޫމާތުދިނުމުގެ ސެޝަންގައި ބައިވެރިވެ، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު މިހާރު އެ ކުންފުނިތަކަށް ދީފައިވާ ކަމަށެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ އެމެރިކާގެ ކުންފުންޏެއް، ޗައިނާގެ ކުންފުންޏެއް އަދި އޭގެ އިތުރުން ދިވެހި ކުންފުންޏަކާއި މެލޭޝިއާގެ ކުންފުންޏަކާ ވެސް. އަޅުގަނޑުމެންނަށް ވަރަށް ހޯޕްފުލް މި ފަރާތްތައް މިއީ ވަރަށް ކޭޕަބަލް ކުންފުނިތަކެއް. އޭގެ ފައިނަލް ޕްރޮޕޯސަލްތައް އަޅުގަނޑުމެންނާ ހަމައަށް ލިބުމުން، އިވެލުއޭޓްކޮށްފައި ކޮންމެވެސް އެއްބަޔަކާ އަޅުގަނޑުމެން މި މަސައްކަތް ހަވާލުކޮށްގެން އަމަލީ މަސައްކަތް އަޅުގަނޑުމެން މި ބަލަނީ އަންނަ ޖުލައި މަސް ތެރޭގައި ފެށޭވަރުވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ހޯޕް އައިލެންޑުގެ ޓާގެޓުކުރަނީ ކުށުގެ މާހައުލުގައި މިހާރު އުޅެމުންދާ ކުދިންނާއި، އަދި ރިސްކަށް ހުށަހެޅޭ ކުދިން ގެންގޮސް އެ ކުދިންނަށް ރަނގަޅު ތައުލީމުދީ، އެ ކުދިންގެ އަހުލާގު ރަނގަޅުކުރަން ކުރަންޖެހޭ ކަންތައްތައްކޮށް، އެ ކުދިންނަކީ ގައުމަށް ބޭނުންތެރި މުހިންމު ސްކިލުތަކެއް ހުރި ކުދިންނަށް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ޓާގެޓަކީ 2027 ވަނަ އަހަރު ނިމެންވާއިރަށް ރަށް ގާއިމުކޮށް، ކުޑަކުދިންނަށް ލިބެންޖެހޭ ހާއްސަ ފަރުވާ ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އުތުރުތިލަފަޅުގައި ހަދާ ޖަލުގައި ސެކިއުރިޓީ އެއްތަނެއްގެ ތެރޭގައި ހުންނަންޖެހޭ ހުރިހާ ޖަލުތަކެއް އަދި ގައިދުކުރެވޭ އެކި މަރުކަޒުތައް ގާއިމުކުރާނެ ކަމަށާއި އެ ތަންތަން ބެލެހެއްޓުމުގެ ނިޒާމު އާދަޔާހިލާފަށް ވަރުގަދަކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަމައެއާއެކުގައި އެތަންތަނުގެ ތެރޭގައި ގައިދީންނަށް ދޭންޖެހޭ ފަރުވާ އާއި ގައިދީންނަށް ދޭންޖެހޭ އެހީތެރިކަމާއި ހިދުމަތްތަކަކީ ބައިނަލްއަގުވާމީ މިންގަނޑުގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ދެވޭނެ ހިދުމަތްތަކުގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާނަން. އަދި އެ ހިދުމަތް އެގޮތަށް ދޭނަން. އޭގެ އިތުރުން ރިހެބިލިޓޭޝަނާއި ކަރެކްޝަންސްއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އޭގެ ތެރޭގައި އަޅުގަނޑުމެން ގާއިމުކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ސެންޓްރަލް ޖަލާއި ހޯޕް އައިލެންޑް ހަދައިދޭނެ ބަޔަކު ހޯދުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 20 ގައެވެ. އެ ދެ ޕްރޮޖެކްޓު ވެސް ނިންމަންޖެހޭނެ މުއްދަތެއް ކަމަށް އިއުލާނުގައިވަނީ، އޮކްޓޯބަރު 2027 އަށެވެ.

ޖުމުލަ 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުތުރުތިލަފަޅުގައި (ޔޫޓީއެފް) ސެންޓްރަލް ޖަލާއި ހޯޕް އައިލެންޑް ތަރައްގީކުރަން ސަރުކާރުން ނިންމައި އެކަން އިއުލާންކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހުތަކެއް ގެންނަވައި ނެރުއްވި ގަރާރުންނެވެ.

ރައީސްގެ ގަރާރުގައިވާ ގޮތުން އުތުރުތިލަފަޅުގައި ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ތަރައްގީކުރުމަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. އަދި އުތުރުތިލަފަޅުގައި އެ ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް ވެސް 15 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ގަރާރުގައި ރައީސް ވިދާޅުވެފައިވެއެވެ.

ގަރާރުގައިވާ ގޮތުން ހޯޕް އައިލެންޑުގެ ހެދުމަށް 15 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. ހޯޕް އައިލެންޑް އުތުރުތިލަފަޅުގައި ތަރައްގީކުރުމަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށްވެސް 10 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރައީސް ވަނީ ގަރާރުގައި ބަޔާންކުރައްވައިފައެވެ.