ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 551،000 ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށާއި އެ މައްސަލައަށް އަންނަ އަހަރުގެ އޭޕްރީލްގައި ދާއިމީ ހައްލު ލިބޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ފެށި އޮޕަރޭޝަންގައި ނިންމާފައިވާނީ ގަވާއިދާ އެއްގޮތަށް ވިޔަސް އަދި ގަވާއިދާ ހިލާފަށް ވިޔަސް، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި ފޭޝަލް ރިގޮނިޝަން ހެދުމަށް ކަމަށެވެ.

"މިހާރު 551،694 މީހުންގެ ބަޔޯމެޓްރިކްސް ވަނީ ނެގިފައި. މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަފެނޭ މި މީހުންނަކީ ކޮން ބައެއްކަން، ބަޔޯމެޓްރިކަލީ އައިޑެންޓިފައިކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދެވަނަ ކަމަކަށް މަސައްކަތްކޮށްފައިވާނީ ގާނޫނަށް އިސްލާހުތައް ގެނައުން ކަމަށާއި އޭގެ ތެރޭގައި ބިދޭސީ މީހުންނާ ދޭތެރޭގައި އިހުމާލުވާ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި، ޖޫރިމަނާކުރުމާއި، ފައިސާ ނުދައްކާ ތިބި ފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން އިއުލާންކުރިން ދިވެހިރާއްޖޭގައި ބިދޭސީން ގެނެސް، އެމީހުންގެ ވިސާ ފީތައް ނުދައްކާ ހުރި ކުންފުނިތަކާ އެއްޗެހި. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ގާތްގަނޑަކަށް ނުލިބި ހުރި އެއް ބިލިއަނެއްހާ ރުފިޔާ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެން ވާނީ ދައުލަތަށް ހޯދާފައި. އަދި މީގެ ނަތީޖާއެއްގެ ގޮތުން ގަވާއިދާ ހިލާފުވެފައި ތިބި ވަރަށް ގިނަ ފަރާތްތައް ތިބީ ގަވާއިދުގެ ތެރެއަށް ވަދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 7549 ބިދޭސީން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ ޑީޕޯޓުކުރެވުނު ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.