އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގައި މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި މިރޭ ވައިދާދު ކަސަބަލަންކާ ކައިރިން މޮޅުވެއްޖެއެވެ.

މިރޭގެ މެޗަކީ ގްރޫޕް ޖީގައި ސިޓީއާއި ވައިދާދުވެސް ކުޅުނު ފުރަތަމަ މެޗެވެ. ލިންކޯލް ފައިނޭންޝަލް ފީލްޑްގައި މިރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނުކުތްއިރު ފެވަރިޓުންނަކީވެސް ސިޓީއެވެ. ޔޫރަޕްގެ ގަދަ ބާރު ސިޓީއަށް ޑޮމެސްޓިކް ސީޒަން ދަށްކޮށް ދިޔަ ނަމަވެސް، ކްލަބު ވޯލްޑް ކަޕަށް އެޓީމު ނުކުތީ ވަރަށް ބޮޑަސް ތައްޔާރުވެ، ޓްރާންސްފާތައްވެސް ކޮށްގެންނެވެ.

ސިޓީއަށް މާ ބޮޑު ޕްރެޝަރެއް ނެތި މެޗުގައި ހަމެޖެހިލެވުނީ، ދެވަނަ މިނެޓުގައި އެޓީމަށް ލީޑު ނެގުމުންނެވެ. ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޮޑެންއެވެ. ސީޒަން ތެރޭގައި ފޮޑެންއަށް މާ ބޮޑު ތަފާތެއް ނުދެއްކުނު ނަމަވެސް، ރޭގެ މެޗުގައި ސިޓީއަށް އެންމެ ބޮޑު ތަފާތަކީ ފޮޑެންއެވެ.

ހާފު ނިމުމުގެ ކުރިން ސިޓީން ދެވަނަ ގޯލެއް ޖެހި އިރު، އެ ގޯލަށްވެސް އެންމެ ބޮޑަށް އެހީތެރިވެދިނީ ފޮޑެންއެވެ. އޭރިއާ ތެރެއިން ޖެރަމީ ޑޮކޫ، ބޯޅަ ގޯލަށް ވައްދާލީ ފޮޑެންގެ ކޯނަރަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީން ރޮޑްރީވެސް ދަނޑު މައްޗަށް ނެރެފައިވާ އިރު، ދެވަނަ ހާފުގައި އާލިން ހާލަންޑްގެ ހަމަލާއެއް ނުރައްކާ ކޮށް ފެނުނެވެ. އެހެންނަމަވެސް މެޗުގައި އޭނާއަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ސިޓީއަށް މިރޭގެ މެޗުން ގޯސްކޮށް ދިޔައީ އެންމެ ކަމެކެވެ. އެއީ ފަހު މިނެޓުކޮޅުގެ ތެރޭގައި ރިކޯ ލެވިސްއަށް ރަތް ކާޑު ދެއްކުމެވެ.