ރާއްޖޭގެ ހޮސްޕިޓަލުތަކުން ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ފެށުމަށް ގާނޫނެއް ގެނައުމުގެ މަސައްކަތްކުރުމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި ސިއްހީ ނިޒާމުގެ ކަންކަން ތަރައްގީކުރުމުގައި ދެވަނަ މަރުހަލާއަކަށް ދާންޖެހޭ ކަމަށާއި ކިޑްނީ ޓްރާންސްޕްލާންޓު ކުރުން ފަދަ ހިދުމަތްތައް ރާއްޖޭގައި ދެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑުކުރަން ޖެހޭ ކަމަށެވެ.

"މިކަން ކުރުމަށްޓަކައި ބޭނުންވާ ލީގަލް ފްރޭމްވޯކް ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނު މިހާރު ވަނީ އޭގެ ފަސްޓް ޑްރާފްޓް ހެދިފައި. އަޅުގަނޑުމެން މިހާރު ކަމާބެހޭ ފަރާތްތަކާ މިހާރު މަޝްވަރާކުރަމުން މި ގެންދަނީ ގާނޫނަށް މަޖިލީހަށް ފޮނުވުމުގެ ކުރިން އެއަށް އިތުރުކުރަން ޖެހޭ ބައެއް، ނުވަތަ ލަފައެއް އޮތްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދުނިޔޭގެ މާހިރުންނާއި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ބިލު މިހާރު އެކުލަވައިލެވި، ފުރަތަމަ ޑްރާފްޓު ތައްޔާރުކުރެވި، ދެން އިތުރަށް މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"މި މަޝްވަރާތައް ނިމުމާއެކު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ގާނޫނު ފޮނުވާނަން. ގާނޫނު ފޮނުވުމާއެކު ދިވެހިރާއްޖޭގައި ކިޑްނީ ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް ކުރުމުގެ ގާނޫނީ އިޖުރާއަތްތައް އަޅުގަނޑުމެންނަށް ތަރުތީބުކުރެވިގެންދާނެ. އެހެންވީމާ މިއީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ދާންޖެހޭ ދާއިރާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ތެލެސީމިއާ ހޮސްޕިޓަލު ވެސް ތަރައްގީކުރާނީ އެ ހޮސްޕިޓަލުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ފެންވަރަށް ކަމަށެވެ.