ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް, ފަވަރަ އާއި އިންޑިއާގެ ޔުނައިޓެޑް ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި)އާ ގުޅައިލުމުގެ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ ކަމަށް އެމްއެމްއީއިން ބުނެފިއެވެ.

ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓް ސިސްޓަމްތައް ބޭނުންކުރެވޭ ގޮތަށް ކަންކަން ބައްޓަން ކޮށްދިނުމަށް އެދިވަޑައިގެން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް އެމްއެމްއޭ އިން މައުލޫމާތު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް 15 އޭޕްރިލް 2025 ގައި ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީއާ ގުޅިގެން އެމްއެމްއޭ އިން ފޮނުވި ޖަވާބުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ތައާރަފުކުރި ފަވަރަ ސިސްޓަމާއި މިހާރު ރާއްޖޭގެ ހުރިހާ ބޭންކުތަކެއްގެ އިތުރުން ބޭންކު ނޫން ޕޭމަންޓް ހިދުމަތް ދޭ އެއް ފަރާތް ގުޅިފައިވާ އިރު، އެފަދަ އިތުރު ފަރާތްތަކުން ވެސް އެ ސިސްޓަމާ ގުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ އެތެރޭގެ މުއާމަލާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މުއާމަލާތްތައްވެސް ވަގުތުން ހިންގުމަށް މަގުފަހިކޮށްދިނުމަކީ އެމްއެމްއޭއިން އެ ޕްރޮޖެކްޓުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ އަމާޒަކަށްވާތީ، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ޔޫޕީއައި އާއި ފަވަރައާ ގުޅައިލުމުގެ މަސައްކަތް ފެށުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، އެ ހިދުމަތް ގާއިމުކުރުމުން އިންޑިއާ އަށް ވަގުތުން ފައިސާ ފޮނުވުމަށް ފަސޭހަ ވެ، އޮންލައިން ނިޒާމްތައް މެދުވެރިކޮށް އަވަސްކަމާއި ރައްކާތެރިކަމާއެކު ކްރޮސް ބޯޑާ މުއާމަލާތްތައް ކުރުމުގެ މަގުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ގައުމުތަކުގައި ގާއިމުކޮށްފައިވާ އެފަދަ ސިސްޓަމްތަކާވެސް ފަވަރައާ ގުޅުވައިލުމަކީ އެ އޮތޯރިޓީގެ ދުރުރާސްތާގެ އަމާޒެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.