މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،000 މީހުން އަޅުކަމަށް ދިޔައިރު ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައިވަނީ މިމަހުގެ 13 ގަ އެވެ. ދެވަނަ ގްރޫޕުގެ ހައްޖުވެރިން މިމަހުގެ 15ގައި އަދި ތިން ވަނަ ގްރޫޕުގެ ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ މި މަހުގެ 16 ގަ އެވެ.

ހަތަރުވަނަ ގްރޫޕުގެ ހައްޖުވެރިން (އެންމެ ފަހު) ގްރޫޕުގެ ހައްޖުގެވެރިން ރާއްޖެ އައިސްފައިވަނީ އިއްޔެ މެންދުރެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭއިން ވަނީ ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު މީހުން އެއާޕޯޓަށް ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހައްޖުވެރިން ރާއްޖެ އަންނަންވާއިރަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ރޯގާ/ހުމުގެ އެއްވެސް އަލާމާތަކާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިކަށް ޒިޔާރަތް ކުރަން ދެ ހޮސްޕިޓަލުން ވެސް ވަނީ އެދިފަ އެވެ.