އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕުގެ ގްރޫޕް އެފްގައި ބްރެޒިލްގެ ފްލުމިނެންސޭއިން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމުންޑާ އެއްވަރުކޮށްފިއެވެ.

މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން ގޯލެއް ނުޖެހިއެވެ. މެޗު ފެށުމުގެ ކުރިން ގިނަބަޔަކު ބުނަމުން ދިޔައީ ފެވަރިޓުންނަކީ ޑޯޓްމުންޑް ކަމަށެވެ. އެހެން ނަމަވެސް، ފްލުމިނެންސޭއިން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދިނެވެ.

ކުރިން ޗެލްސީއާއި އޭސީ މިލާނަށްވެސް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ، 40، ގެ ކެޕްޓަން ކަމުގައި ކުޅެމުންދިޔަ ފްލުމިނެންސޭއިން އަވަސް ފުޓުބޯޅައެއް ކުޅެމުން ދިޔަ އިރު، އެޓޭކްގައި ޑުއޯ ޖޯން އޭރިއާސްއާއި އޮގަސްޓިން ކަނޯބިއޯ ތަފާތު ދެއްކިއެވެ.

ފުރަތަމަ ހާފުގައިވެސް އެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، މާޓިނެލިއާއި ހާކިއުލަސްގެ ހަމަލާތައް ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފުގައި ޑޯޓްމުންޑަށް ލިބުނު އެންމެ ފަހި ފުރުސަތަކީ ކަރީމް އަދެޔޭމީގެ ބާރު ދުވެލީގައި އުފެއްދި ހަމަލާގައި ސެރްހޯ ގުއިރާސީއަށް ލިބުނު ފުރުސަތެވެ.

އެ ފުރުސަތު ޑޯޓްމުންޑުން ނަގާލި އިރު، ދެވަނަ ހާފުގައި ފްލުމިނެންސޭގެ ސަޕޯޓަރުންނަށް އިތުރު އުންމީދެއްވެސް ލިބުނެވެ. އެވެލާޑޯއަށް މުޅިންހުސް ފުރުސަތެއް ލިބި އޭނާ ތަނަވަސްކުރި ފުރުސަތުގައި ކަނޯބިއޯ ހުސްކޮށް އޮވެ ފޮނުވާލި ހަމަލާ މަތަކުރީ ޑޯޓްމުންޑްގެ ކީޕަރު ގްރެގޯ ކޮބެލްއެވެ.

ފްލުމިނެންސޭގެ އިތުރު ދެ ހަމަލާއެއްވެސް ކޮބެލް މަތަކުރި އިރު، މިރޭގެ މެޗުގައި ޑޯޓްމުންޑަށް އަލަށް ގެންދިޔަ، ޖޫޑް ބެލިންހަމްގެ ކޮއްކޮ، ޖޯބް ބެލިންހަމްވެސް ފެނިގެން ގޮސްފައިވެއެވެ.