މަސްތުގެ ހާލަތުގައި ހިނގާ ކަންކަމަށް ރައުދު އަހުމަދު އަދި އިމާރާތުން ވެއްޓުނު ހައްވާ ޔުމްނު ވެސް ޒިންމާ ނަގަންޖެހޭ ކަމަށް ރިޔާސީ ކޮމިޝަން ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، ކޮމިޝަނުގެ ކުރިމަތީގައި ތިން ސުވާލެއް އޮތް ކަމަށެވެ. އެއީ މީހަކު ނުވަތަ ބަޔަކު ޔުމްނު ވައްޓާލީތޯ އާއި ޔުމްނު އަމިއްލަ އިހުތިޔާރުގައި އަމިއްލައަށް ފުރާޅުމައްޗަށް ފުންމާލީތޯ އާއި ޔުމްނު ވެއްޓުނީތޯ އަދި ވެއްޓުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯއެވެ.
ކޮމިޝަނުން ވަނީ ޔުމްނު އާއި ރައުދު އަހުމަދު، އެ ރޭ އުޅުނު ހ. ފެންޓެނޯއީ ގޭގެ ސީސީޓީވީ ފުޓޭޖުތަކާއި އެ ސަރަހައްދުގެ ފުޓޭޖުތައް ބަލައިފައެވެ. އެގޮތުން އެ ފަތިހު 4:50 ހާއިރު ބާރު އަޑެއް އިވިގެން ސިއްސައިގެން ގޮސް މީހަކު ހ. މިޓާޒްއާ ދިމާއަށް ބަލައިލިތަން ފެނިގެން، ނަސީރު އުއްދީން ކިޔާ ބިދޭސީ މީހަކާ ފުލުހުން ސުވާލުކުރުމުން ދިން ބަޔާން ވެސް ކޮމިޝަނުން ވަނީ ބަލައިފައެވެ.
ހ. މިޓާޒް ކައިރިން ބުރުޒުމަގުން އިރަށް ހިނގާފައި ދަނިކޮށް ވަރަށް ބާރު އަޑެއް (އެއްޗެއް ވެއްޓުނު އަޑު ކަހަލަ) އިވިގެން މައްޗަށް ބަލައިލި ކަމަށް ފުލުހުންގެ ހިދުމަތަށް ނަސީރު އުއްދީން ދީފައިވާ ބަޔާނުގައި ބުނެފައިވާތީ، ޔުމްނު ވެއްޓިފައިވަނީ އޭޕްރީލް 18 ގެ ފަތިހު 4:54:22 ގައި ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުންޏެވެ.
ޔުމްނު ހ. މިޓާޒް ފުރާޅުމަތީގައި އޮތީ ހ. ފެންޓެނޯއީ ޓެރަހުން ވައްޓާލުމުން ނުވަތަ ފުންމާލުމުން ނުވަތަ ވެއްޓުމުން ކަމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށާއި އެހެންކަމުން ފުރާޅުމަތީގައި ޔުމްނު އޮތީ ހ. ފެންޓެނޯއީގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ވައްޓާލުމުން ނުވަތަ ފުންމާލުމުން ނުވަތަ ވެއްޓުމުން ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ދެ މީހުން މަސްތުގެ ހާލަތަށް އައީ އެ ދެ މީހުން އަމިއްލަ އިހުތިޔާރުގައި ކަމަށްވާތީ، އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ ރައުދު އާއި ޔުމްނު ނަގަން ޖެހޭ ކަމަށެވެ. އަދި ކުޑަދޮރުން ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓުގައި ބުނީ އެ ރޭ ޔުމްނު އާއި ރައުދު ހުރީ މަސްތުގެ ހާލަތުގައިކަން އެނގެން އޮންނާތީ، އަދި އެމީހުންނާއެކު އުޅުނު މީހުންގެ ބަޔާނުން އެނގެން އޮންނާތީ، ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ޔުމްނު ވެއްޓުނީ ކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ.
ކޮމިޝަނުން ބުނީ ސީސީޓީވީ ފުޓޭޖުތަކަށް ބެލިބެލުމުން އެތަނުގައި ރައުދު އާއި ޔުމްނު ފިޔަވައި ތިންވަނަ ފަރާތެއް ހުރިކަން ފެންނަން ނެތް ކަމާއި، ހެކިންގެ ހެކިބަހާއި ފޮރެންސިކްގެ ރިޕޯޓުތަކަށް ބަލާއިރުވެސް ތިންވަނަ ފަރާތެއް އެތަނުގައި އެ ވަގުތު ހަރަކާތްތެރިވެފައިވާކަން އެނގެން ނެތުމުން ކުޑަދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީގޮތުން އެވެދާނެ ކަމަށް ނުފެންނަ ކަމަށެވެ.
ޔުމްނުއަށް ދުރާލާ ރާވައިގެން ގަސްދުގައި މީހަކު ނުވަތަ ބަޔަކު އަނިޔާއެއް ދޭންޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށާއި އަނިޔާއެއް ދިނުމަށްޓަކައި ބަޔަކު ޔުމްނު ހ. ފެންޓެނޯއީ އަށް ގެންދިޔަ ކަމަށް ވެސް ނުބެލެވޭ ކަމަށެވެ. އަދި އެ ގޭގެ އިތުރު އެޕާޓްމަންޓަކަށް ޔުމްނު ވަންނަތަނެއް ވެސް ސީސީޓީވީ ފުޓޭޖުން ނުފެންނަ ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓުގައި ބުންޏެވެ.
އޭގެ އިތުރުން އެ ގޭގައި ހުރި ސީސީޓީވީ ކެމެރާ ސިސްޓަމުގައި ރެކޯޑުވެފައި ހުރި އެއްވެސް ފުޓޭއްޖެއް ފުހެލާފައި ނެތްކަން ފުލުހުންގެ "މޮބައިލް ފޮރެންސިކް ރިޕޯޓް" އިން އެނގޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ އިތުރު މީހަކު އެ ތަނުން ފެންނަން ނެތުމާއި، އެ ރޭ ކަން ހިނގައިދިޔަގޮތް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީއާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައިނުވާތީ، ކުޑަދޮރުން ރައުދު ގަސްތުގައިޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން އެ ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށެވެ.
ނަމަވެސް ހުރިހާ ކަމަކަށް ބެލުމަށްފަހު، ކޮމިޝަނަށް ފެންނަނީ ރައުދު ގަސްތުގައި ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ.
ކުޑަދޮރުން ޔުމްނު އަމިއްލަ އިހުތިޔާރުގައި ފުންމާލީކަން ނުވަތަ ނޫންކަން އެ ކޮމިޝަނަށް ކަނޑައެޅެން ނެތް ނަމަވެސް، އެ ރޭ ޔުމްނު އާއި ރައުދު ބައްދަލުވި ހިސާބުން ހާދިސާ ހިނގި ވަގުތާ ހަމައަށް އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގެން ނެތް ކަމާއި، އަދި ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުމުން، ކުޑަދޮރުން ޔުމްނު އަމިއްލަ އިހުތިޔާރުގައި ފުންމާލި ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުންޏެވެ.
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް
ރިޕޯޓް
ބޭރު ކުޅިވަރު