މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައިގައި މިނިސްޓަރަކަށް ގުޅާފައިނުވާ ކަމަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދުގެ ބޭބެ އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދު ވިދާޅުވި ނަމަވެސް، އެ މައްސަލައިގައި އޭނާ ގުޅުއްވި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.
އެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން މިއަދު އާންމުކުރި ރިޕޯޓުގައިވާ ގޮތުން ޔުމްނު ވެއްޓުނު ދުވަހު ރައުދުއާ ދިމާވީ ފަތިހު 5:30 އާއި 6:30 އާ ދެމެދު ވަގުތެއްގައި ކަމަށް އޭނާގެ ބޭބެ ދާއޫދު ދެއްވި ބަޔާނުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ސީނިއާ އެއްވެސް ބޭފުޅަކަށް، ފުލުހަކަށް އަދި ވަޒީރަކަށް ވެސް ގުޅާފައި ނުވާނެ ކަމަށް ދާއޫދު ވިދާޅުވެފައިވާ ކަމަށެވެ.
ކޮމިޝަނަށް މިނިސްޓަރު އިހުސާން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ހާދިސާ ހިނގި ދުވަހުގެ މެންދުރުފަހު 3:47 ގައި ދާއޫދު ގުޅުމުން އެއް މިނެޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި އެ ފޯނަށް ޖަވާބުދީ އާންމު އުސޫލުން އައިޑީކާޑު ނަމްބަރު ފޮނުވުމަށް އެދިފައިވާނެ ކަމަށެވެ.
"އެ ކޯލުގައި ހަނދާންވާ ގޮތުން ދާއޫދު އަހުމަދު ބުނެފައިވަނީ 'ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި' މިހެން ކަމަށާއި، މައްސަލައިގެ ވަކި ތަފްސީލެއް ނުދީ ދާއޫދު އަހުމަދު އެހެން ބުނުމުން ބަލާފައިވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް މީހަކަށް ގުޅި ހަަނދާނެއް ނުވާނެ ކަމަށާއި، ދާއޫދު އަހުމަދު ފޮނުވާފައިވާ މެސެޖުގައި އޮންނަނީ، "I couldn't find the physical ID, Are these details ok" މިގޮތަށް ކަމަށްވުމުން، ޖަވާބުގައި "OK" މިގޮތަށް ލިޔެފައިވާނެ..،" އިހުސާންގެ ބަޔާނުގައި ވިދާޅުވި ކަމަށް ރިޕޯޓުގައިވެއެވެ.
އެއަށްފަހު ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ފުލުހުން ތުހުމަތުކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އެކްސިޑެންޓެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެ ދާއޫދު މެސެޖުކުރެއްވުމުން އެކަން ބައްލަވައިލައްވާނެ ކަމަށް ވިދާޅުވެ މެސެޖެއް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި ކަމަށެވެ.
އޭގެ ފަހުން އެ ރޭ 7:10 ގައި ގުޅި ނަމަވެސް އެ ފޯނު ކޯލަށް ޖަވާބުދެއްވިފައި ނުވާ ކަމަށާއި އެ ރޭ 9:10 ގައި ނޫސްވެރިން އޭނާގެ ގޭ ދޮދަށް އައި ކަމަށް ވިދާޅުވެ ދާއޫދުގެ މެސެޖެއް ލިބިވަޑައިގެންނެވި ކަމަށް މިނިސްޓަރު އިހުސާންގެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެން ވިދާޅުވެ މެސެޖުކުރެއްވުމަށްފަހު ވެސް، ދާއޫދު ގުޅައި ނޫސްވެރިންގެ ވާހަކަ ހިއްސާކުރެއްވި ކަމަށާއި އެ ކޯލަށް ވާނީ 31 ސިކުންތު ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.
މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ އޭގެ ފަހުން އެ ރޭ ދަންވަރު 1:43 ގައި ދާއޫދުގެ އިތުރު މެސެޖެއްގައި ވިދާޅުވެފައިވަނީ ފުލުހުން އޭނާގެ ކޮއްކޮ ހައްޔަރު ނުކުރާ ވާހަކަ ކަމަށާއި ކޮއްކޮ ތަހުގީގަށް އެއްބާރުލުން ދޭނަމަ، ހައްޔަރު ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ދާއޫދު ފޮނުވި އެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭޕްރީލް 19 ގެ ހެނދުނު 6:59 ގައި އެ މެސެޖަށް ރިޕްލައިކުރަމުން، ކޮއްކޮގެ އެއްބާރުލުން ދިނުމަށް ދާއޫދުގެ އަރިހުން އެދިފައިވާނެ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން