ކައުންސިލަރުންނަށް އަމާޒުކޮށްގެން ހަތީބުކަމުގެ ކޯހެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ކޯހުގައި 50 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ކޯހުގައި ބައިވެރިވުމުގެ ޝަތުރުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލަރަކަށްވުމާއި ފިރިހެނަކަށްވުމެވެ. އަދި ކޯހަށް މީހުން ހޮވުމުގައި ކީރިތި ގުރުއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހިބަހާއި އަރަބި ބަސް ކިޔަން ފަރިތަ ފަރާތަކަށް ވުން ހިމެނެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން އެ ކޯސް ކުރިއަށްދާނީ 15 ހަފުތާއަށެވެ. އަދި ކިޔެވުން އޮންނާނީ ހަފުތާ ބަންދު ނޫން ހުރިހާ ދުވަހަކު، އޮންލައިންކޮށް ކަމަށް ބުނެފައިވެއެވެ.

އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތުު ހުޅުވާލާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. ބައިވެރިވުމަށް ފުރަންޖެހެނީ ގޫގުލް ފޯމެކެވެ. (https://forms.gle/6eoHUvc7KkexRRv37). ކޯހުގެ ބައިވެރިންގެ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 އަދި 30 ގައެވެ.