ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް، ވިނީޝިއަސް ޖޫނިއާއަށް ނަސްލީގޮތުން ދިމާކުރި ހަތަރު މީހެއްގެ މައްޗަށް ނަފުރަތު އުފެއްދުމާއި ގަސްދުގައި މީހަކަށް ގެއްލުމެއް ދޭ ފަދަ ކަންތައްތަކެއް ރޭވި ކަމަށް ސާބިތުވެއްޖެއެވެ.
އެ ހަތަރު މީހުންނަކީ ރެއާލްގެ ތަމްރީނު ހަދާ މަރުކަޒު ކައިރީގައި ވިނީޝިއަސްއަށް ޖޯކު ޖެހުމުގެ ގޮތުން، ވައިޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑެލްއެއް ބެހެއްޓި ހަތަރު މީހުންނެވެ. އެކަން ހަތަރު މީހުން ކުރީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލުން ކުޅެން އޮތް ކޮޕާ ޑެލް ރޭ މެޗެއްގެ ކުރިންނެވެ.
އެ މޮޑެލްއާއެކު "މެޑްރިޑް ހޭޓްސް ރެއާލް" ޖަހާފައިވާ ބެނާއެއްވެސް ހަތަރު މީހުން ވެގެން ވަނީ ދަމާފައެވެ.
އެފަހަރު ޖުމުލަ ހަތް މީހަކު ހައްޔަރުކޮށް މައްސަލަ ބަލާފައިވެއެވެ.
ޖަލު ހުކުމް ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކަށް ހުކުމް ކުރީ 14 މަހަށް ޖަލަށް ލުމަކަށެވެ. އެނެއް މީހާއަކީ އޮންލައިންކޮށްވެސް ވިނީޝިއަސްއާ ދިމާކުރި މީހެއް ކަމަށްވުމާއެކު އޭނާއަށް ވަނީ 22 މަހުގެ ހުކުމެއް އައިސްފައެވެ.
އެ ހަތަރު މީހުންވެސް ވިނީޝިއަސްގެ ކިބައިން މައާފަށް އެދުމަށް ހާއްސަ ސިޓީއެއް ފޮނުވަން ސޮއިކުރުމާއެކު ޖަލު ހުކުމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެހެންކަމުން އެ ހަތަރު މީހުންވެސް މިވަގުތު ތިބޭނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ. ޖަލަށް ދާން ޖެހޭނީ ކޯޓުން އެންގި އެންގުންތަކާ ހިލާފު ވެއްޖެ ކަމަށްވާނަމައެވެ.
ހުކުމުގައި ބުނެފައި ވަނީ އެ ހަތަރު މީހުންނަށްވެސް ވިނީޝިއަސްއާ އެއް ކިލޯމީޓަރު ގާތަށް ނުދެވޭނެ ކަމަށެވެ. އަދި ވިނީޝިއަސްގެ ގޭގެ އިތުރުން ރެއާލްގެ ތަމްރީނު މަރުކަޒާވެސް އެއް ކިލޯމީޓަރަށްވުރެ ގާތަށް ދިޔުން ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ރެއާލް މެޗުތަކަށްވެސް ޖަލު ހުކުމުގެ މުއްދަތުގައި ނުދެވޭނެ ކަމަށް ކޯޓުން ވަނީ އަންގައިފައެވެ.
އެ މައްސަލައިގައި ދެން ބަންދުކުރި މީހުންނަށްވެސް ޖޫރިމަނާއާއި އިތުރު ބައެއް ހުކުމްތައް އައިސްފައިވާ އިރު، ރެއާލުން ބުނީ، މިއީ އެ ކްލަބުގެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކޮށް، ފުރައްސާރަކޮށްގެން މިހާތަނަށް 14 މީހަކަށް މައްސަލަ ސާބިތުވެފައިވާ ކަމަށެވެ.
މީގެ ކުރިން ރެއާލާ ދެކޮޅަށް ނުކުތް ޓީމުތަކުގެ ތެރެއިން ވެލެންސިއާ، ޕަލްމާ ޑެ މާޔޯކާ އަދި އެތުލެޓިކޯގެ ބައެއް ސަޕޯޓަރުންގެ މައްސަލަތައްވެސް ބަލައި، ފިޔަވަޅު އަޅާފައިވެއެވެ.
ވިނީޝިއަސް، 2018 ވަނަ އަހަރު ފްލަމެންގޯއިން ރެއާލަށް ބަދަލުވިފަހުން، ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާފައިވެއެވެ. އޭނާ ވަނީ މިހާތަނަށް ރެއާލަށް 316 މެޗު ކުޅެފައެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް