ގައުމުގައި ހުރި އެކި މައްސަލަތައް ހައްލުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދައްކަވަނީ ގައުމަކަށް ވެރިން ބޭނުންވާ ސަބަބު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މައްސަލަތަކަށް ހައްލު ނުހޯދައި، މި ގައުމުގެ ސިއްހީ ނިޒާމު ހައްލުކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި ރައީސް އެ ކުރައްވަނީ ހައްލު ހޯއްދެވުމުގެ މަސައްކަތް ކަމަށެވެ.
"އެކަމަށް ސީދާގޮތުން ފިޔަވަޅު އަޅުއްވައި، އެކަމާ ގުޅިގެން އެކުލަވާލައްވަން ޖެހޭ ސިޔާސަތުތައް އެކުލަވާލައްވައި، މީގެ ކައިރި ތާރީހެއްގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު އެކަމުގައި ނުދައްކަވާ ރަނގަޅު ހަރުދަނާ މިސާލު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގެންދަވަނީ ދައްކަވަމުން. އެއީ ގައުމަކަށް ވެރިން ބޭނުންވާ ސަބަބަކީ، އެއީ ގައުމަކަށް ވެރިން ބޭނުންވާ ވަގުތުތަކަކީ، އެއީ ގައުމަކަށް ރައްޔިތުން ވެރިންގެ ކިބައިން އެދޭ އެދުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ނޫނީ އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަހަރެއްގައި ވެސް މި ގައުމުގައި އިންފްރާސްޓްރަކްޗާ ނެތުމާއި މެޝިނަރީ ނެތުމާއި ޑޮކްޓަރުން މަދުވުމެއް ނޫން ކަމަށް ކަމަށް މާހިރުން ވިދާޅުވާ ކަމަށާއި އެއީ ވެސް ކަންބޮޑުވުމަކަށް ވިޔަސް، ސިއްހީ ނިޒާމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައި ހުރި ބޮޑެތި މައްސަލަތައް ކަމަށެވެ. އަދި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް އެ ނަންގަވާ ފިޔަވަޅުތަކަށް ސެލިއުޓް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ ދުންފަތް ކޮންޓްރޯލުކުރުން ކަމަށްވިޔަސް، މަސްތުވާތަކެތި ކޮންޓްރޯލުކުރުން ކަމަށްވިޔަސް، ގޭންގު މާރާމާރީތައް ހުއްޓުވުން ކަމަށްވިޔަސް، ބޭރު މީހުންގެ މައްސަލަ ހައްލުކުރުން ކަމަށްވިޔަސް، މި ދެންނެވި ކަންކަމަށް ހައްލު ނުހޯދައި އަޅުގަނޑުމެން ގައުމައިގެން ކުރިއަށްދާން އުޅެފި ކަމަށްވާ ނަމަ، އެވާނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން މާޔޫސްވެފައިވާ ދަނޑިވަޅެއްގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ކުރައްވަނީ ގައުމު ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް