އުތުރާއި މެދެރާއްޖެތެރޭގައި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.

އެ އިދާރާގެ ފޯކާސްޓާ އަޒީމާ އަހުމަދު މިއަދު "ވަން"އަށް ވިދާޅުވީ މާލެ ސަރަހައްދަށް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"24 ގަޑިއިރަށް ބަލާއިރު 40 މޭލަށް ވައިދަގަވުމަކީ އެކަށީގެންވާ ކަމެެއް. އާންމުކޮށް އުޅޭނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި. އުތުރާއި މެދެރާއްޖެތެރޭގައި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އަޒީމާ އިތުރަށް ވިދާޅުވީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި ވައި ތަންކޮޅެއް ބާރުކޮށް އުޅޭކަމަށް ލަފާކުރެވޭ އުތުރާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރު މިނުގައި ވައިގެ ބާރުމިން ހުރުން އެކަށީގެންވާ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ވައި މަޑުކޮށް އުޅެނީ. ފަސް މޭލާއި 15 މޭލާ ދެމެދުގައި މިހާރު ވާނީ އުުރުތުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި. ވައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީއާއި ވިލާގަނޑުގައި 40 މޭލު ބާރު މިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ މިރޭ 8:00 އަށް ވަނީ ހުދުސަމާލު ނެރެފައި،" ފޯކާސްޓާ އަޒީމާ ވިދާޅުވިއެވެ.

އުތުރުގެ އަތޮޅުތަކަށް އިއްޔެ ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.