ފީފާ ކްލަބު ވޯލްޑް ކަޕުގެ ގްރޫޕް އޭގައި ރޭ ބްރެޒިލްގެ ޕަލްމެއިރާސްއިން ޕޯޗުގަލްގެ ޕޯޓޯ ހުއްޓުވައިފިއެވެ.
އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ގޯލެއް ނުޖެހި، 0-0 އިން އެއްވަރުވެފައިވާ އިރު، އެ މެޗަކީ ދެޓީމުންވެސް މިހާތަނަށް ކްލަބު ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ މެޗެވެ.
މިފަހަރު މުޅީން އަލަށް 32 ޓީމާއެކު ކްލަބު ވޯލްޑް ކަޕް ބާއްވަމުން އަންނައިރު، އާ ހުނަރުވެރި ތަރީން ފެނުމުގެ ފުރުސަތު ބޮޑެވެ. ރޭގެ މެޗަށް ނުކުތް އިރު، އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި ހުރީ ބްރެޒިލްގެ ހުނަރުވެރިޔާ، ޕަލްމެއިރާސްގެ އެސްޓެވާއޯ ވިލިއަމްސްއަށެވެ.
ޕަލްމެއިރާސްއަށް ކުޅެމުން އަންނަ އެސްޓެވާއޯއަކީ ޗެލްސީއަށް ސޮއިކުރުމަށްފަހު، ލޯނުގައި އެ ކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އޭނާގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމެން ދަނިކޮށް ޕަލްމެއިރާސްއިން ގޯލަކާ ގާތަށް ޖެހިލިއެވެ.
އެސްޓެވާއޯގެ ދެ ހަމަލާއެއް ފުލުފުލުގައި ބްލޮކްވި އިރު، އޭރިއާ ތެރެއިން މައުރީޝިއޯ ފޮނުވާލި ބޯޅަ ރޮނގުމަތިން ކަހަލަ ގޮތަކަށް މަތަކުރީ ޕޯޓީީގެ ކީޕަރެވެ. އަދި އޭގެފަހުން ރީބައުންސް ހަމަލާވެސް ޕަލްމެއިރާސްއަށް ކާމިޔާބެއް ނުވިއެވެ.
ދެވަނަ ހާފުގައި ޕޯޓޯއިން ކުޅުން ރަނގަޅުކޮށްލައި، ހަމަލާއަކަށް މަސައްކަތް ކުރި އިރު، ފަބިއޯ ވިއޭރާ ފޮނުވާލި ބޯޅަ މަތަކުރީ ޕަލްމެއިރާސްގެ ކީޕަރު ވެވެޓޮންއެވެ. އޭގެފަހުންވެސް ވިއޭރާގެ ހަމަލާއެއް ނާކާމިޔާބުވި އިރު، މެޗު ނިމެން ދަނިކޮށް ޕަލްމެއިރާސްގެ މުރައިލޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް