ރާއްޖޭގައި ފެށިގެން ކުރިއަށްދާ ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަމާއެކު އިންޑިއާގެ ޒުވާން ޓީމުން އޭޝިއާ ކަޕަށް ކޮލިފައިވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ފަށާފައިވާ އިރު، މުބާރާތުގެ ތިންވަނަ ހޮވާ މެޗުތަކާއި ފައިނަލް މެޗު އޮތީ އިއްޔެއާއި ރޭގައެވެ.

ރާއްޖޭގެ އަންހެން ޓީމުން އިއްޔެ ވަނީ މުބާރާތުގެ ލޯ މެޑަލް ޔަގީން ކޮށްފައެވެ. ފިރިހެން ޓީމުން ލޯ މެޑަލް ޔަގީންކުރަން ނުކުތީވެސް ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖެ ބަލިވީ 75-42 ގެ ސްކޯއަކުންނެވެ.

ލީގު ބުރުގައިވެސް ރާއްޖެއިން ބަންގްލަދޭޝް އަތުން ބަލިވިއިރު، މެޗުގެ ފުރަތަމަ ދެ ސެޓުގައިވެސް ބަންގްލަދޭޝް ރަނގަޅަށް ކުޅުނެވެ. ފުރަތަމަ ކުއާޓާގައި ބަންގްލަދޭޝްއިން 20 ޕޮއިންޓް ހޯދި އިރު، ރާއްޖެއަށް ހޯދުނީ 11 ޕޮއިންޓެވެ.

ދެވަނަ ކުއާޓާގައި ރާއްޖެއިން ކުޅުން ރަނގަޅުކުރި އިރު، އެ ކުއާޓާގައި ބަންގްލަދޭޝްއިން 18 ޕޮއިންޓް ހޯދި އިރު، ރާއްޖެއިން 16 ޕޮއިންޓް ހޯދިއެވެ. ތިންވަނަ ކުއާޓާއަށް ރާއްޖެއިން ކުޅުން ރަނގަޅުކޮށް، 10 ޕޮއިންޓް ހޯދި އިރު، ބަންގްލަދޭޝްއަށް ހޯދުނީ ހަ ޕޮއިންޓެވެ.

ބަންގްލަދޭޝްއިން ފަރަގު ބޮޑުކުރީ ހަތަރުވަނަ ކުއާޓާގައި 31 ޕޮއިންޓް ހޯދައިގެންނެވެ. އެ ކުއާޓާގައި ރާއްޖެއަށް ހޯދުނީ ފަސް ޕޮއިންޓެވެ.

އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަނުގެ ފައިނަލުގައިވެސް އިންޑިއާއިން ވާދަކުރި ސްރީ ލަންކާއާ ދެކޮޅަށެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިންޑިއާ ހޯދީ ސްރީ ލަންކާ ކައިރިން 103-52 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދީ ލަންކާ ކައިރިން 94-62 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ ހަތަރު ގުއުމަކުން ވާދަކޮށްފައިވާ އިރު، މިއީ ރާއްޖޭގައި ޒުވާން އުމުރުފުރާގެ ކޮލިފިކޭޝަން މުބާރާތެއް ކުރިއަށް ދިޔަ ފުރަތަމަ ފަހަރެވެ.