ރާއްޖޭގައި ފެށިގެން ކުރިއަށްދާ ފީބާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ދެވަނަ މެޗުގައި ރޭ ސްރީ ލަންކާ ކައިރިން ބަލިވި އިރު، ފިރިހެން ޓީމުން ކުޅުނު ދެވަނަ މެޗުގައި ވަރުގަދަ އިންޑިއާ ކައިރިން ބަލިވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ފަށާފައިވާ އިރު، މުބާރާތްކުރިއަށްދާނީ މިމަހު 16 ވަނަ ދުވަހާ ހަމައަށެވެ.

މުބާރާތުގައި ރާއްޖެ ހިމަނައިގެން ދެކުނު އޭޝިއާގެ ހަތަރު ގުއުމަކުން ދަނީ ވާދަކުރަމުންނެވެ. އެއީ އިންޑިއާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ. މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގުވާމީ ބާސްކެޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިން ބޮޑު މޮޅެއް ހޯދާފައި އޮވެގެން ރޭ ލަންކާއާ ދެކޮޅަށް ނުކުތް އިރު، ލަންކާ ކައިރިން ބަލިވީ 71-45 ގެ ސްކޯއަކުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާ ދާދި އެއްވަރުކޮށް ފެނިގެން ދިޔަ އިރު، އެ ކުއާޓާ ނިމުނުއިރު ލަންކާ ކުރީގައި އޮތީ 15-13 އިންނެވެ. ދެވަނަ ކުއާޓާ ރާއްޖެއަށް އުނދަގޫވި އިރު، އެ ކުއާޓާގައި ލަންކާއިން ހެދި 15 ޕޮއިންޓަށް، ރާއްޖެއަށް ހެދުނީ އެންމެ ތިން ޕޮއިންޓެވެ.

އަނެއްކާވެސް ތިންވަނަ ކުއާޓާ އެއްވަރުކުރި އިރު، އެ ކުއާޓާގައި ލަންކާއިން 20 ޕޮއިންޓް ހެދި އިރު، ރާއްޖެއިން 18 ޕޮއިންޓް ހޯދިއެވެ. އެއާއެކު އަނެއްކާވެސް ފަހު ކުއާޓާގައި ލަންކާއިން ތަފާތު ބޮޑުކުރީ 21-11 ގެ ތަފާތަކުންނެވެ.

ލަންކާއަށް އެންމެ މޮޅަށް ކުޅުނީ ތިނާރާ ޕެރޭރާއެވެ.

ރާއްޖޭގެ ފިރިހެން ޓީމުން އިންޑިއާ އަތްދަށުވީ 151-20 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައިވެސް އިންޑިއާއިން 41 ޕޮއިންޓް ހެދި އިރު، ރާއްޖެއަށް ހެދުނީ އެންމެ ތިން ޕޮއިންޓެވެ. ދެން ޖެހިގެން އައި ކޮންމެ ކުއާޓާއެއްވެސް އިންޑިއާ މާ ބޮޑަށްވެސް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ކުއާޓާގައި އިންޑިއާއިން ހެދި 38 ޕޮއިންޓަށް ރާއްޖެއިން ނުވަ ޕޮއިންޓް ހެދިއެވެ.

ރާއްޖެއާއި އިންޑިއާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ތިންވަނަ ކުއާޓާގައި އިންޑިއާއިން 43 ޕޮއިންޓް ހޯދި އިރު، ރާއްޖެއަށް ހޯދުނީ އެންމެ ދެ ޕޮއިންޓެވެ. އަދި ފަހު ކުއާޓާގެ ފަރަގަކީ 29-6 ގެ ފަރަގެކެވެ.