މިހާރު އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދާން ބޭނުންވާ ނަމަ، ޔޫރަޕްގެ ގަދަ ބާރުތައް ކައިރިން ނަތީޖާ ނެރެން ޖެހޭނެ ކަަމަށް އާޖެންޓީނާގެ ބޮކަ ޖޫނިއާސްގެ ކޯޗު މިގޭލް އޭންޖަލް ރޫސޯ ބުނެފިއެވެ

އާޖެންޓީނާގެ ގަދަބާރު ބޮކަ ޖޫނިއާސްއިން ކްލަބު ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޕޯޗުގަލްގެ ބެންފިކައާ ދެކޮޅަށެވެ. ބޮކަ ޖޫނިއާސް ހިމެނޭ ގްރޫޕް ސީގައި ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި އޯކްލޭންޑް ސިޓީ އެފްސީ ކައިރިން 10-0 އިން މޮޅުވި އިރު، ބޮކަ ޖޫނިއާސްއަށް މިރޭގެ މެޗަކީ ފައިނަލެއް ކަހަލަ މެޗެކެވެ.

"ބަޔާނުން ފުރަތަމަ މެޗުގައި ކުޅުނު އޯކްލޭންޑް ސިޓީއަކީ ސެމީ ޕްރޮފެޝަނަލް ޓީމެއް. މިއީ އިހުތިރާމު ކުޑަކުރަން ބުނާ ބަހެއް ނޫން. ބަޔާން އާއި ބެންފިކާއަކީ އެހެން ލެވެލެއްގެ ޓީމުތައް. އެހެންވީމަ އަނެއް ބުރަށް ދަންޏާ އެޓީމުތައް ބަލިކުރަން ޖެހޭނެ،" ރޫސޯ ބުންޏެވެ.

ރޫސޯ ބުނީ މިވަގުތަށް ވިސްނުން ހުރީ ބެންފިކާ މެޗަށް އެކަނި ކަމަށާއި، އިތުރު ހިސާބަކަށް ވިސްނާނީ ވަރުގަދަ ކުރިމަތިލުންތައް ނިމުމުން ކަމަށެވެ.

ރޫސޯ ނަތީޖާ ނެރެން އެންމެ ބޮޑަށް ބަރޯސާ ވަނީ ސަޕޯޓަރުންނާއި ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަށެވެ. އޭނާ ބުނީ އެމެރިކާއަކީ އާޖެންޓީނާ ސަޕޯޓަރުން ގިނަ ގައުމަކަށް ވުމަކީ ލިބޭ ނަސީބެއް ކަމަށާއި، އާޖެންޓީނާ ސަޕޯޓަރުން ބަލިކުރެވޭނެ ޔޫރަޕްގެ ސަޕޯޓަރުން ނުތިބޭނެ ކަމަށެވެ.

އޭގެ އިތުރުން އުރުގުއާއީގެ ފޯވަޑް އެޑިސަން ކަވާނީއަށް ބަރޯސާ ވާން ޖެހޭ ކަމަށް ރޫސޯ ފާހަގަކުރިއެވެ. ކުރިން ޕީއެސްޖީއާއި ނަޕޯލީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ވަރުގަދަ ފޯވަޑް ކަވާނީއަށް މި ސީޒަނުގައި އަނިޔާތަކާ ކުރިމަތިވި ނަމަވެސް، މިރޭގެ މެޗު ފެށޭވަރު ވާނެ ކަމަށްވެސް ރޫސޯ ބުންޏެވެ.