މިއަދު ހެނދުނު ހދ ކުޅުދުއްފުއްޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސިގެން އަނބުރާ މާލެ އަތުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހެނދުނު 8:25ގައި ނައްޓާލި އެ ފްލައިޓް ކުޅުދުއްފުއްޓަށް ޖައްސަން އޮތީ 9:20ގަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ވަނީ އަނބުރާ މާލެ އައިސްފަ އެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ފަޒްލާ އަހްމަދު ވިދާޅުވީ ކުޅުދުއްފުއްޓަށް ދިޔަ ފްލައިޓް މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސިގެން ޑައިވާޓް ކުރީ ނ މާފަރަށް ކަމަށެވެ. އަދި އެކޮޅަށްވެސް މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ނުޖެއްސިގެން އަނބުރާ މާލެއަށް ޑައިވާޓްކުރީ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ފްލައިޓް އަލުން ކުޅުއްދުއްފުއްޓަށް ދިއުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"މެންދުރު 12:30ގެ ކުރިން ފްލައިޓް ނައްޓާލަން މަސައްކަތް ކުރަމުންދަނީ،" ފަޒްލާ ވިދާޅުވި އެވެ.

އުތުރަށް މޫސުން ގޯސް

ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ހެނދުނު 11:45 އިން ހަވީރު 4އަށްވަނީ ވައިޓް އެލާޓް ނެެރެފަ އެވެ. އެ އެލާޓްގައި ބުނެފައިވާ ގޮތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވަނީ ލަފާކޮށްފަ އެވެ.

އުތުރުގެ ބައެއް ރަށްތަކަށް ރޭއްސުރެ އަންނަނީ ވާރޭވެހެމުންނެވެ.