އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ ކަޕޫރު މަރުވުމާ ގުޅިގެން އޭނާގެ 4 ބިލިއަން ޑޮލަރުގެ ވިޔަފާރި ވާރުތަ ވާނެ ގޮތާމެދު ސުވާލު އުފެދިއްޖެއެވެ. އޭނާގެ ކުރީގެ އަންހެނުން ފިލްމީ ތަރި، ކަރިޝްމާ ކަޕޫރުގެ ދަރީންނަށް ލިބޭނެ މިންވަރާމެދު ވެސް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ފޯބްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސަންޖޭގެ އަމިއްލަ މުދަލުގެ އަގަކީ 1.2 ބިލިއަން ޑޮލަރެވެ. ގާނޫނީ ގޮތުން މި މުދާ ބެލެހެއްޓުމުގެ ޒިންމާ މިހާރު އޮތީ އޭނާގެ އަންހެނުން ޕްރިޔާ ސަޗްދޭވްގެ އަތުގައެވެ.
ނަމަވެސް ކަރިޝްމާ ކަޕޫރަށް ލިބިފައިފާ ސަންޖޭގެ ދެ ދަރީންނަށް ވެސް ސަންޖޭގެ މުދަލުން ބައެއް ލިބޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެގޮތުން ސަންޖޭ ވަނީ އޭނާގެ ދެ ދަރީންނަށް 14 ކްރޯޑު ރުޕީސްގެ ބޮންޑް ވެސް ހަދިޔާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކޮންމެ މަހަކު 10 ލައްކަ ރުޕީސް ލިބޭނެ ގޮތްވެސް ހަދާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
ސަންޖޭގެ ތިން ދަރީންގެ ތެރެއިން އެއްވެސް ކުއްޖަކު މިވަގުތު ކުންފުނީގެ ހިންގުމާ ހަވާލުވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ޒިންމާތަކާ ހަވާލުވުމަށް ކުންފުނީގެ މެނޭޖްމަންޓް ރޯލްތަކަށް އަންނާނީ ސަންޖޭގެ ދެ ދައްތައިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސަންޖޭ ކަޕޫރަކީ ދުނިޔޭގެ އެންމެ ބޮޑެތި އޮޓޯ ކޮމްޕޯނަންޓް އުފައްދާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ ސޯނާ ކޮމްސްޓާގެ ޗެއާމަން އެވެ. ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސޯނާ ކޮމްސްޓާގެ މާކެޓް ކެޕިޓަލައިޒޭޝަނަކީ 31،000 ކްރޯޑު ރުޕީސް އެވެ. މިއީ ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރެވެ.
ސަންޖޭ ކަޕޫރު މަރުވީ ބުރާސްފަތި ދުވަހު ލަންޑަންގައި ޕޯލޯ ކުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާގެ އުމުރަކީ 53 އަހަރެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ