1998 ވަނަ އަހަރު ތައިލެންޑްގައި ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި، ތައި ލަވަކިޔުންތެރިޔާ ވަނީ އެއާ އިންޑިއާ ވެއްޓުނު ހާދިސާއާ ގުޅުން ހުރި އާދަޔާ ޚިލާފު ކަމެއް ފާހަގަކޮށްފައެވެ.
ތައިލެންޑުގެ 47 އަހަރުގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޖޭމްސް ރުއަންގްސަކް ލޯއިޗުސަކް ވަނީ 1998 ވަނަ އަހަރު ތައިލެންޑްގެ ސުރަތު ތާނީގައި ހިނގި ތައި އެއަރވޭސްގެ ބޯޓު ވެއްޓުނު ހާދިސާގައި ދިރިހުރި މީހުންގެ ތެރޭގައި ހިމެނިފައެވެ. އޭނާ އިނީ 11އޭ ސީޓުގައެވެ. އެ ހާދިސާގައި، ދަތުރުކުރި 146 މީހުންގެ ތެރެއިން 101 މީހަކު މަރުވިއެވެ.
މިދިޔަ ހަފުތާގައި އަހްމަދާބާދުގައި ހިނގި އެއާ އިންޑިއާ ބޯޓު ވެއްޓުމުގެ ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ކަމަށްވާ، ވިޝްވާޝް ކުމާރު ރަމޭޝް ވެސް އިނީ 11އޭ ސީޓުގައި ކަން އެނގުމުން ލޯއިޗުސަކް ވަނީ ހައިރާންވެފައެވެ.
"އިންޑިއާގައި ހިނގި ބޯޓު ވެއްޓުމުގެ ހާދިސާ ދިރިހުރި މީހާ އިނީ އަހަރެންވެސް އިން ސީޓުގައި. އެއީ 11އޭ" ލޯއިޗުސަކް ފޭސްބުކުގައި ލިޔެފައިވެއެވެ.
ލޯއިޗުސަކް ބުނެފައިވަނީ އެ ހާދިސާއިން އޭނާއަށް ވަރަށް ބޮޑު ނަފުސާނީ ގެއްލުމެއްވި ކަމަށެވެ. އަދި 10 އަހަރު ވާންދެން އޭނާ މަތިންދާ ބޯޓަށް އަރަން ބިރުގަތް ކަމަށްވެސް ބުނެފައިވެއެވެ.
"އަހަރެންނަށް އަދިވެސް އެ އަޑުތަކާއި، ވަސްތަކާއި، ބޯޓު ވެއްޓުނު ފެންގަނޑުގެ ރަހަ ވެސް ހަނދާންވޭ. ގިނަ ދުވަސްތަކެއް ވާންދެން އަހަރެން އެ އިހުސާސްތައް ބެހެއްޓީ އަހަރެންގެ އަމިއްލަ ނަފުސުގައި." ލޯއިޗުސަކް ބުނެފައިވެއެވެ.
ލޯއިޗުސަކް އިތުރަށް ބުނެފައިވަނީ އެ ހާދިސާއަށްފަހު ދިރިހުރުމަކީ އޭނާއަށް ލިބުނު "ދެވަނަ ފުރުސަތެއް" ކަމަށެވެ. އެއާ އިންޑިއާ ހާދިސާގައި މަރުވި އެންމެންނަށް އޭނާ ވަނީ ތައުޒިޔާ ކިޔާފައެވެ.
އެއާ އިންޑިއާގެ ފްލައިޓް އޭއައި-171 ވެއްޓުނީ އަހްމަދާބާދުން ފުރިތާ 33 ސިކުންތު ފަހުންނެވެ. މި ހާދިސާގައި 241 މީހުން މަރުވިއެވެ. ސަލާމަތްވީ އެންމެ މީހެކެވެ. އެއީ 40 އަހަރުގެ ވިޝްވާޝް ކުމާރު ރަމޭޝް އެވެ.
ވިޝްވާޝް ބުނެފައިވަނީ ފުރައިގެން 30 ސިކުންތު ފަހުން ބާރު އަޑެއް އިވުނު ކަމަށާއި އޭގެ ފަހުން ބޯޓު ވެއްޓުނީ ކަމަށެވެ. ހުރިހާ ކަމެއް ހިނގީ ވަރަށްވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.
"ތެދުވެވުނުއިރު ވަށައިގެން ހުރިހާ ތަނެއްގައި ހުރީ ހަށިގަނޑުތައް. އަހަރެން ވަރަށް ބިރުގަތް. އަހަރެން ތެދުވެގެން އަވަހަށް ދުވެފަ ދުރަށް ދިޔައީ" ވިޝްވާޝް ބުނެފައިވެއެވެ.
ވިޝްވާޝް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ