އެއާ އިންޑިއާ މަތިންދާބޯޓު ވެއްޓުނު ހާދިސާއިން ދަރިވަރަކު އާދަޔާ ޚިލާފު ގޮތަކަށް ސަލާމަތްވެއްޖެއެވެ. ބޫމީ ޗައުހާން (28) ސަލާމަތްވީ ގަޑިޔަށް ބޯޓަށް އެރޭނެގޮތް ނުވުމުގެ ސަބަބުންނެވެ.

ބޫމީ އަކީ ބްރިސްޓޯލްގައި ދިރިއުޅޭ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ކިޔަވާ ދަރިވަރެކެވެ. މި ފުލައިޓުގައި ލަންޑަނަށް ދަތުރުކުރުމަށް ބޫމީ ޗެކިން ކުރީ އޮންލައިންކޮށެވެ. އެހެން ނަމަވެސް އޭނާއަށް އެއާޕޯޓަށް ދެވުނުއިރު ބޯޑިން ވަނީ ނިމިފައެވެ.

ބޫމީއަށް އެއާޕޯޓަށް ފޯރީ ބޯޑިން ނިމުނުތާ 10 މިނެޓު ފަހުންނެވެ. ބޯޓަށް އަރުވާތޯ އެއާލައިން މުވައްޒަފުންގާތު އާދޭސްކުރި ނަމަވެސް، އެކަމުގައި ބޫމީއަށް ކާމިޔާބެއް ނުލިބުނެވެ.

"ބޯޓަށް ނޭރުނީމަ އަހަރެން ވަރަށް ބޮޑަށް ހިތާމަކުރިން. އަހަރެންގެ ސިކުނޑީގައި އޮތީ 'ތަންކޮޅެއް އަވަހަށް އާދެވުނު ނަމައޭ، އެއިރުން ބޯޓަށް އެރުނީހޭ،' މި ފަދަ ހިޔާލުތަކެއް." ބޫމީ ބުނެފައިވެއެވެ.

ބޫމީ އިތުރަށް ބުނެފައިވަނީ ބޯޓަށް ނޭރުވުމުން ވަރަށް ބޮޑަށް ރުޅިވެސް އައި ކަމަށެވެ. އެއާޕޯޓުން ނުކުމެ ސައި ބޯން މަޑުކޮށްލި ކަމަށާއި ބޯޓު ވެއްޓުނު ހަބަރު ލިބުނީ އެތާ ހުރެ ޓްރެވަލް އެޖެންޓާ ވާހަކަދައްކަމުން ދަނިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭއައި-171 ވެއްޓުނީ އަހްމަދާބާދުން ފުރިތާ 30 ސިކުންތު ފަހުންނެވެ. މި ހާދިސާގައި 241 މީހުން މަރުވިއެވެ. އެއީ 229 ދަތުރުވެރީންނާއި 12 ފަޅުވެރީން މަރުވިއެވެ. އަދި ބޯޓު ވެއްޓުނު ބިލްޑިންގުގައި ތިބި މީހުންގެ ތެރެއިން ވެސް މަދުވެގެން 8 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައިސަލާމަތް ވީ އެންމެ މީހެކެވެ. އެއީ ބްރިޓިޝް ރައްޔިތެއް ކަމަށްވާ ވިޝްވާޝްކުމާރު ރަމޭޝް އެވެ. އޭނާ މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

ބޫމީ ބުނެފައިވަނީ މި ހާދިސާއިން އޭނާ ސަލާމަތްވުމަކީ "މުއުޖިޒާތެއް" ކަމަށެވެ.