ވެއްޓުނު ފްލައިޓުން ސަލާމަތްވީ ހަމައެކަނި މީހާގެ ވާހަކަ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

އިންޑިއާގެ އަހުމަދުއާބާރުން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓުން ރަންވޭ އިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓި ފްލައިޓުން ދަތުރުކުރި އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައެވެ.

އެހާދިސާ ހިނގުމާ އެކު އިންޑިއާ ސަރުކާރުން ވަނީ އެފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ފަހުން ސޯޝަލް މީޑިއާގައި ވަނީ ފްލައިޓުން ދަތުރުކުރި މީހެއް ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަ ގޮތުން އެމީހާ ވަނީ މަގުމަތިން ހިނގާފައި ގޮސް އެމްބިއުލާންސަކަށް އަރައިފައެވެ.

ވިޝްވަސްކުމާރު ރަމޭޝް ނަމަކަށް ކިޔާ އުމުރުން 40 އަހަރުގެ އެމީހާ ވެފައިވަނީ ވެއްޓުނު އެއާ އިންޑީއާ ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާއަށެވެ. އޭނާ އަށް ލިބިފައި ހުރި އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ސަރަހައްދުގައި ހުރި ހޮސްޕިޓަލެއްގައި އެޑްމިޓުކޮށްފައިވާ އިރު، ޑޮކްޓަރުން ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ދެ ދުވަހެއްގެ ތެރޭ ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމަށް ބުނެފައެވެ.

ހޮސްޕިޓަލުގައި އޮވެގެން ރަމޭޝް ވަނީ އޭނާގެ ތަޖުރިބާ އިންޑީއާގެ ދައުލަތުގެ މީޑިއާ ޑީޑީ ނިއުސް އަށް ކިޔައިދީފައެވެ.

ރަމޭޝް ވަނީ އޭނާ އިނީ އެފްލައިޓުގެ އިމަޖެންސީ އެކްސިޓް ސީޓު ''11އޭ'' ގައި ކަމަށް ބުނެފައެވެ. ފްލައިޓު ރަންވޭއިން ނައްޓާލުމާ އެކު ފްލައިޓުގެ ބޮކިތައް ނިވި ދިއްލެން ފެށި ކަމަށާއި ފުރަތަމަ 10 ސިކުންތުގައި ފްލައިޓު ވައިގެ ތެރޭގައި ހުއްޓިފައި ހުރި ކަމުގެ އިހުސާސް ކުރެވުނު ކަމަށް ރަމޭޝް ބުނެފައިވެއެވެ.

ރަމޭޝް ކިޔައިދިން ގޮތުގައި ފްލައިޓުގެ ލައިޓުތައް ނިވި ދިއްލެމުން ގޮސް އިމާރާތެއްގެ މައްޗަށް ވެއްޓުނު ކަމަށާއި އެވަގުތު އޭނާ ފްލައިޓުގައި އިން ސަރަހައްދު ވަކިވެ، އިމާރާތާ ދިމާލުން ބިން މައްޗަށް ވެއްޓުނު ކަމަށެވެ. އަދި ފްލައިޓުގެ ދޮރާ ދިމާލުން އަލި ފެންނަން ހުރުމުން ސީޓުބެލްޓް ނައްޓާލުމަށްފަހު އެދިމާލަށް ދުއްވައި ގަނެވުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ ހުރި ފަޅި ނޫން އަނެއް ފަޅި އޮތީ ފާރަކާ ދިމާލަށް ކަމުން އެންމެން އެތަނުގައި ތާށިވީ ކަމަށެވެ. އަދި އޭނާގެ ލޯ ކުރިމަތީގައި ގިނަ ބަޔަކު މަރުވެގެންދިޔަ މަންޒަރު ފެނުނު ކަމަށްވެސް އޭނާ ބުންޏެވެ.

ރަމޭޝް ވަނީ ފްލައިޓުގެ ދެ ކުރޫއިންގެ އިތުރުން އެހެން މީހަކު އޭނާ ކައިރިއަށް ވެއްޓިފައި އޮތް ކަމަށާއި އެވަގުތު އޭނާ ވެސް ސަލާމަތް ނުވާނެ ކަމަށާއި މަރުވަނީ ކަމަށް ހީކުރެވުނު ކަމަށެވެ.

ރަމޭޝް ބުނި ގޮތުގައި ވެއްޓުނު ފްލައިޓުގެ ބައިތަކުގެ ތެރެއިން ނުކުމެވުނު ގޮތް އޭނާ އަށް ނޭންގޭ ކަމަށެވެ. އަދި ހަނދާން ހުރީ ބަޔަކު އޭނާ އެމްބިއުލާންސަށް އެރުވިކަން ކަމަށް ބުނެފައެވެ.

ރަމޭޝްއާ އެކު އޭނާގެ ބޭބެ ވެސް އެފްލައިޓުގައި ދަތުރު ކުރިއެވެ. ނަމަވެސް ބޭބެ ސަލާމަތްވެފައެއް ނުވެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ރަމޭޝްގެ ހާލު ބައްލަވައިލެއްވުމަށް އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެގައުމުގެ މިނިސްޓަރުން ވަނީ ޒިޔާރަތްކުރައްވައިފައެވެ.