މެލޭޝިއާގައި މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ނިންމައިފިއެވެ.

ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ވަގުތެއްގައި، ހިދުމަތް ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް ހަލާލު ޓުއަރިޒަމް ތައާރަފުކުރުމާ ގުޅޭ މަސައްކަތަށެވެ.

ޝައިހު އަވަހާރަވީ، މެލޭޝިއާއަށް ފައިބައިވަޑައިގެންނެވި ވަގުތު އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓުމުން ފަރުވާދެމުން ދަނިކޮށެވެ.

އެ ޖަމިއްޔާއިން އިއްޔެ ބުނީ ޝައިހް ފަރީދުގެ ނަމުގައި ބަންގުލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ފައިސާ 24 ގަޑިއިރު ނުވަނީސް ހަމަވެފައިވާ ކަމަށެވެ. އެ މިސްކިތަކީ 250 އަކަ މީޓަރުގެ ބޮޑު މިސްކިތެކެވެ. އެ މިސްކިތުގައި 455 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ އިރު، މިސްކިތް ބިނާކުރަން 760،000 ރުފިޔާ ހަރަދުވާނެ ކަމަށް ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ އަދިވެސް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިތުރަށް އެހީ ލިބެމުންދާ ކަމަށެވެ.

"ވަރަށް ގިނަބަޔަކު އަދިވެސް މިކަމުގައި ބައިވެރިވުމަށް އެދެމުންދާތީ އާއި އިތުރަށް ފަންޑް ލިބެމުންދާތީ ޝައިހުގެ މިސްކިތެއް ދިވެހި ރާއްޖޭގައިވެސް ބިނާކުރުމަށް إن شاء الله މިހާރު މިވަނީ ނިންމާފައެވެ. މިކަމަށްޓަކައި ހޭދަކުރަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އަދިވެސް އެ ފުުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވާލަމެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.

ހިދުމަތް ޖަމިއްޔާއިން ބުނީ އެކަމަށްޓަކައި ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ހިދުމަތް މިސްކިތު ފަންޑުގެ އެކައުންޓު ނަމްބަރު 7770000141496 އަށް ފައިސާ ފޮނުވޭނެ ކަމަށެވެ.

ޝައިހު ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައިވީ ނަމަވެސް، އެ މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ކޮން ސަރަހައަދެއްގައިކަން އެ ޖަމިއްޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި ޝައިހް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ދާތީ މާދަމާ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ޝައިހް ފަރީދުގެ ހަށިގަނޑު މާލެ ގެންނަން ކުރިން ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކުރީ، މެލޭޝިޔާގެ ގަވައިދު އޮންނަ ގޮތުން އެގޮތަށް ކަންތައް ކުރާނަމަ ޕޯސްޓު މޯޓަމް ހަދަން ޖެހޭތީ ކަމަށް އާއިލާއާ ހަވާލާދީ، ޝައިހް ފަރީދާއެކު މެލޭޝިއާއަށް ދިޔަ ޓީމުގެ މެންބަރަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އުމުރުން 53 އަހަރުގެ ފަރީދު މެލޭޝިޔާގައި ނިޔާވުމާ ގުޅިގެން ޖަނާޒާގެ ކަންތައް ވެސް ކުރިއަށްގެންދިޔައީ މެލޭޝިއާގައެވެ. ފަރީދުގެ ކަށުނަމާދު އޮތީ މެލޭޝިއާ ގަޑިން އިއްޔެ މެންދުރު ނަމާދަށް ފަހު އެ ގައުމުގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ. އަދި ފަރީދުގެ ހަށިގަނޑު ވަޅުލާފައިވަނީ ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.

ޝައިހް ފަރީދަކީ އެކި މައުލޫތަކަށް ވަރަށް ގިނައިން ދަރުސްތައް ދެއްވި ބޭފުޅެކެވެ. ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެެކެވެ.

ޝައިހް ފަރީދަކީ، އިސްލާހީ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުއްވި ދީނީ އިލްމުވެރިއެކެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް ބަންދުވެސް ކުރެއްވިއެވެ. މަރުހޫމް ފަރީދު ވަނީ އެމްޑީޕީގެ ފުރަތަމަ ދުވަސްކޮޅު އިސް މެންބަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ. ހަމައެއާއެކު އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް ޝައިހު ވަނީ އަދާކުރައްވައިފައެވެ.