ސިނަމާލެ ބްރިޖު އެޅުމަށް ޗައިނާ އާއެކު އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ އެ މަނިކުފާނުގެ ވެރިކަމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވުން ކަމަށާއި އެއީ ވަރަށް ގިނަ ދުވަސްތަކެއްގެ ތެރޭގައި އިތުރުވަމުން އައި ދަރަނިތަކެއް ކަމަށެވެ. އެހެންކަމުން އެ ދަރަނިތަކުގެ ޒިންމާ އެންމެ މީހެއްގެ ބޮލަށް ޖެހުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ، އެ ދަރަނިތަކުގެ ޒިންމާ އެ މަނިކުފާނުވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އެ މަނިކުފާނު ނައިބު ރައީސްކަމުއި ހުންނެވި އިރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ބޮޑެތި ލޯނުތަކެއް ނެންގެވި ކަމަށް ވިދާޅުވި އެވެ.

"ހަމަ އެއަށްފަހުގައި ހަމަ އަޅުގަނޑު ރައީސްކަމުގައި ހުއްޓައި އެންމެ ފުރަތަމަ ބްރިޖު އެޅުމުގެ ވާހަކަ ޗައިނާގެ މަތީ ފެންވަރުގައި، ބޮޑުވަޒީރު ފެންވަރުގައި އެ ވާހަކަ ދެކެވިފައި އޮތީ. ނަމަވެސް އަޅުގަނޑަށް އެ މަޝްރޫއު ފުރިހަމަ ނުކުރެވުނު. އެހެންވީމަ އޭގެ ފަހުން ރައީސް ޔާމީން ވަރަށް އަވަހަށް ވަރަށް ކުޅަދާނަކަމާ އެކީގައި އެ މަޝްރޫއު އިމްޕްލިމެންޓް ކުރެއްވި. އިމްޕްލިމެންޓް ކުރެއްވުމުގައި ވަރަށް ބޮޑެތި ހަރަދުތަކެއް، ދައުލަތުންވެސް ލޯނުވެސް ނަގަންޖެހުނު. އެ މަސައްކަތް ކުރުމުގައި ހަނދާން ނައްތާލައިގެން ނުވާނެ އެއް ކަމެއް އެއީ އެ މަސައްކަތް ކުރުމުގައިވެސް އަމަލީ ގޮތުން އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މިހާރުގެ ރައީސް ޑރ. މުއިއްޒު،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ބްރިޖު މަޝްރޫއު އަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެކި ފަރާތްތަކުން ލޯނުތައް ނެގި އިރު، ކުރީގެ ސަރުކާރުންވެސް ހައުސިން މަޝްރޫއުތައް ހިންގެވުމަށާއި އެކި ކަންކަމަށް ލޯނު ނެންގެވި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހުރިހާ ލޯނެއްވެސް ސަރުކާރުތަކުން ނަގާފައިވަނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ކަމަށެވެ. އެހެންކަމުން ދެން އެ ލޯނުތައް ދެއްކުމުގައިވެސް ރައްޔިތުން ވީވަރަކުން ސަރުކާރަށް އެއްބާރުލުން ދޭންވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

"މި ހުރިހާ ލޯނުތައް ނެގިފައި މިހުރީ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫނޭ، އެއީ ރައްޔިތުންނަށް އޭގެ ސަބަބުން ވީކޮން ފައިދާއެއްހޭ ބުނާނެ ތަނެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" ރައީސް ވަހީދު ވިދާޅުވި އެވެ.