މިއަހަރު 59 މަޝްރޫއެއް އަދި އަންނަ އަހަރު 72 މަޝްރޫއެއް ނިންމޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓިވިއުއެއްގައި ސައުދީ ވިދާޅުވީ އެމްޓީސީސީން އުމްރާނީ ތަރައްގީގެ ގާތްގަނޑަކަށް 356 މަޝްރޫއަކާ ހަވާލުވެފައިވާ ކަމަށާއި އޭގެ ތެރޭގައި މިދިޔަ ސަރުކާރުގެ ތެރޭގައި ހަވާލުވި މަޝްރޫއުތައް ވެސް ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޝެޑިއުލްގައިވާ ގޮތުން 2025 ނިމެންވާއިރަށް އަޅުގަނޑުމެން އަމާޒު ހިފާފައިވާނީ 59 ޕްރޮޖެކްޓެއް ނިންމާފައި ހޭންޑްއޯވާ ކުރުން. އެހެންވީމާ އޭގެ ތެރޭގައި މިމަހު ވެސް ނިމޭނެ ޕްރޮޖެކްޓުތައް ހުންނާނެ، އަންނަ މަހު ވެސް ނިމެނޭ ޕްރޮޖެކްޓުތައް ހުންނާނެ. އެވަރެޖުކޮށް މަހަކަށް ބަލާ ކަމަށްވަންޏާ 6، 7 ޕްރޮޖެކްޓު ނިންމޭ ގޮތަށް އިންނާނީ. މީގެ ތެރޭގައި ހިމެނޭނެ މި ސަރުކާރު އައި އިރު، އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތައް އަދި ސްޕެޝަލް ޕްރޮޖެކްޓުތައް،" އޭނާ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މިއަހަރު ނިންމަން ކަނޑާއަޅާފައިވާ 59 މަޝްރޫއުގެ ތެރޭގައި ހާއްސަ މަޝްރޫއުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫއެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ސިއްހީ މަރުކަޒުތަކާއި ސްކޫލުތަކުގެ ކްލާސްރޫމްތައް ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ އިތުރުން މިއަހަރު ނިންމަން އިތުރު 39 މަޝްރޫއެއް ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަދި 2026 ގައި ވެސް އަޅުގަނޑުމެން ނިންމާނަން 72 ޕްރޮޖެކްޓު. އޭގެ ތެރޭގައި ހަމަ ސްޕެޝަލް ޕްރޮޖެކްޓާއި އޮންގައިންގް ޕްރޮޖެކްޓު ހިމެނޭނެ،" އޭނާ ވިދާޅުވިއެވެ.

ސައުދީ އިތުރަށް ވިދާޅުވީ ތާވަލާ އެއްގޮތަށް އެ މަސައްކަތްތައް ނިންމައި، 2028 ވަނަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށް ދާއިރު، މަސައްކަތްކުރަން ޖެހޭނީ ހަތަރު ވަރަކަށް މަޝްރޫއެއްގައި ކަމަށެވެ. އަދި މި ދައުރު ނިމިގެންދާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތައް ނިންމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.