މެންޗެސްޓާ ސިޓީއަށް ކުޅުނު ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ނަޕޯލީއަށް ދާން އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޑި ބްރޭނާ ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ހަމަވެފައިވާއިރު، މާކުރިންވެސް ސިޓީ ދޫކޮށްލަން އޭނާ ވަނީ ނިންމައިފައެވެ. 2015 ވަނަ އަހަރު ޑި ބްރޭނާ ސިޓީއާ ގުޅުނީ ވުލްވްސްބާގުންނެވެ. އެ ކްލަބާއެކު އޭނާ ވަނީ 16 ތަށި ހޯދައިފައެވެ.

ބެލްޖިއަމް މިޑްފީލްޑަރު ޑި ބްރޭނާއަކީ ފަހުގެ ތާރީހުގައި ޕްރިމިއާ ލީގު ދުށް އެންމެ މޮޅު މިޑްފީލްޑަރެވެ.

ސިޓީ ދޫކޮށްލުމަށްފަހު ޑި ބްރޭނާ ހިލޭ ޓްރާންސްފާއެއްގައި ނަޕޯލީއާ ގުޅެން ނިންމާފައިވާކަން އިތުބާރު ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. ރިޕޯޓުތައް ބުނީ ޑި ބްރޭނާ ސިޓީއާ ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.

ޑި ބްރޭނާ މެޑިކަލްއަށް ތައްޔާރުވެފައިވާކަން ނޫސްތަކުން ޔަގީން ކޮށްދީފައިވާ އިރު، ބޭނުންނަމަ އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރެވޭނެ ގޮތަކަށް އެއްބަސްވެފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ކުރިން ސިޓީއަށް ކުޅުމަށްފަހު ބަޔާން މިއުނިކަށް ކުޅެމުންދާ ޖަރުމަނުގެ ލެރޮއި ސާނޭވެސް އެ ކްލަބު ދޫކޮށްލަން ތައްޔާރުވެފައިވާއިރު، އޭނާ ގަލަޓަސަރާއީއަށް ދާން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ޝާލްކޭއިން ކެރިއަރު ފެށި ސާނޭ، 2016 ވަނަ އަހަރުން 2020 ވަނަ އަހަރަށް ސިޓީއަށް ކުޅުމަށްފަހު ބަޔާނަށް އޭނާ ވަނީ 153 މެޗު ކުޅެފައެވެ.

ސާނޭ ގެންދިޔުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ އިރު، ގަލަޓަސަރާއީއަށް އެ ޓްރާންސްފާއަށް އުންމީދު ބޮޑު ކަމަށްވެސް ނޫސްތައް ބުނެއެވެ.